ޖޭއެސްސީ

ޖޭއެސްސީއާ ގުޅޭ ބައެއް މުއްދަތުތައް އިތުރުކުރަން ހުށަހަޅައިފި

May 30, 2022
1

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނުގައި ބައެއް ކަންކަން ކުރަން ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ޖޭއެސްސީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިބިލް މަޖިލީހަށް ތައާރަފްކުރުމުގެ ގޮތުން ބިލްގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

ޝަރީފް އިސްލާހު ހުށަހަޅުއްވާފައިވަނީ ޖޭއެސްސީގެ ގާނޫނުގެ ހަތަރު މާއްދާއެއްގެ ފަސް އަކުރު އިސްލާހުކުރުމަށެވެ. އެގޮތުން އިސްލާހު ހުށަހަޅުއްވާފައިވަނީ ޖޭއެސްސީގެ ގާނޫނުގެ 22 ވަނަ މާއްދާގެ އެއްވަނަ ނަންބަރުގެ (ޅ) އަށާއި، 25 ވަނަ މާއްދާގެ (ވ)އާއި (މ)އާއި، 30 ވަނަ މާއްދާގެ (ށ) އާއި އަދި 32 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރަށެވެ.

ޖޭއެސްސީގެ ގާނޫނުގެ 22 ވަނަ މާއްދާ އަކީ އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ އެއްވަނަ ނަންބަރުގެ (ޅ)ގައި ބުނެފައިވަނީ ޖޭއެސްސީއަށް ހުށަހެޅޭ މައްސަލައެއް ބެލުމާމެދު ގޮތެއް ނިންމާ ޖޭއެސްސީގެ މައްސަލަ ތަހުގީގު ކުރާ ކޮމިޓީން ނިންމާ ނިންމުން އެ މައްސަލައެއް ހުށަހެޅޭ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ނިންމާ، ކޮމިޝަނަށް ފޮނުވަން ވާނެ ކަމަށެވެ. ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ފަސް ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށެވެ.

ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާ އަކީ ޖޭއެސްސީ ނުވަތަ ކޮމިޝަންގެ ތަހުގީގު ކުރާ ކޮމިޓީގެ ބާރުތައް ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ (ވ)ގައި މިހާރު ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރާ ކޮމިޓީގެ ތަހުގީގު ރިޕޯޓް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައ ރިޕޯޓާ ގުޅޭގޮތުން ތަހުގީގު ކުރާ ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިޓީއަށް ހުށަހެޅުމުގެ އިހްތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ. މި އަކުރަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ފަސް ދުވަހުގެ މުއްދަތު ހަތް ދުވަހަށް އިތުރުކުރުމަށެވެ.

ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (މ)ގައި މިހާރު ބުނެފައިވަނީ ކޮމިޝަންގެ ތަހުގީގު ރިޕޯޓްގައ ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާ މެދު ޖުމުލަ ގޮތެއްގައި ވާހަކަ ދެއްކުމަށް މަދުވެގެން ފަސް ދުވަހުގެ ތެރޭގައި އެއް އަޑުއެހުން ބާއްވަން ވާނެ ކަމަށެވެ. މި އަކުރަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ތަހުގީގު ރިޕޯޓް އެ ފަނޑިޔާރަކަށް ލިބޭ ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން ހަތް ދުވަހުގެ ތެރޭގައި ތަހުގީގު ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާ މެދު ޖުމްލަ ގޮތެއްގައި ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވަން ވާނެ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާ އަކީ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަނޑިޔާރު ލިޔުމުން ހުށަހަޅާ ހުށަހެޅުމުގެ ވާހަކަ ބަޔާން ކުރާ މާއްދާ އެވެ. އިސްލާހު ހުށަހަޅާފައިވާ މި މާއްދާގެ (ށ)ގައި މިހާރު ބުނެފައިވަނީ މިމާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ލިޔުމުގެ ނަކަލު ލިބޭތާ 15 ދުވަހުގެ ތެރޭގައި މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން މައްސަލައިގައި ހަރަކާތްތެރިވުމަށް ކޮމިޝަނުން އައްޔަންކޮށްފައިވާ ގާނޫނީ ވަކީލަށް ހުށަހަޅަން ވާނެ ކަމަށެވެ. މި އަކުރަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މައްސަލަ ރައްދުވާ ފަނޑިޔާރުގެ ބާރުގެ ދަށުގައިވާ ކަމަކާ ނުލައި މިމާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މުހުލަތުގެ ތެރޭގައި އެގޮތަށް އަމަލުކުރެވެން ނެތްނަމަ އިތުރު މުހުލަތަކަށް އެދި ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު މިމާއްދާގެ ދަށުން އެފަދަ ފަނޑިޔާރަކަށް ލިބިގެންވެ އެވެ.

ޖޭއެސްސީގެ ގާނޫނުގެ 32 ވަނަ މާއްދާ އަކީ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަނޑިޔާރުންނާ މެދު އެޅޭނެ ފިޔަވަޅުތައް ބަޔާން ކުރާ މާއްދާ އެވެ. އިސްލާހު ހުށަހަޅާފައިވާ މި މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގައި މިހާރު ބުނެފައިވަނީ ތުހުމަތުކުރެވޭ ފަނޑިޔާރަށް ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެންގިދާނެ ކަމަށެވެ. މި އަކުރަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ނަސޭހަތް ދިނުން ނުވަތަ ތަހުގީގުކުރެވުނު މައްސަލައިގެ ބާވަތަށް ބަލައި އިތުރު ތަމްރީން ބޭނުންވާ ކަމަށް ކޮމިޝަނަށް ފެންނަ ހާލަތްތަކުގައި ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން އެންގިދާނެ ކަމަށެވެ.

މިއިސްލާހުތައް ހުށަހަޅާފައިވަނީ މިއިސްލާހު ފާސްކޮށް ތަސްދީގު ކުރައްވާ ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.