ވިލިމާލެ

ވިލިމާލޭ ޕްރީސްކޫލް ބަޔަކާ ހަވާލުކޮށް މިއަހަރު ކިޔަވައިދޭން ފަށަނީ

މާލޭގެ ފަސްވަނަ އަވަށް ކަމަށްވާ، ވިލިމާލޭގައި ކުރިން ހިންގި ޕްރީސްކޫލް އަލުން ބަޔަކާ ހަވާލުކޮށް، އެ ސްކޫލްގައި މި އަހަރު ކިޔަވައިދޭން ފަށަން ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެފި އެވެ.

މި ސްކޫލް ހިންގަން ހަމަޖައްސާފައި ވަނީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ވިލިމާލޭ ސްކޫލް ހިންގަން ބަޔަކާ ހަވާލުކަން ބީލަމަށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބީލަމުގެ ފަހު މަރުހަލާ ކުރިއަށްދާއިރު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ބީލަން ކާމިޔާބުކުރި ފަރާތާ ސްކޫލް ހިންގުން ހަވާލުކުރާނެ ކަމަށެވެ.

މި އަހަރު ކިޔަވައިދިނުން ފަށާ މި ޕްރީ ސްކޫލް ހިންގާނީ 2014 ވަނަ އަހަރު ގަލަމް އިންޓަނޭޝަނަލް ޕްރީ ސްކޫލް ހިންގި އިމާރާތުގައެވެ. އެޑިއުކޭޝަނުން ވަނީ ގަަލަމް އިންޓަނޭޝަނަލް ޕްރީ ސްކޫލް ހިންގަމުން ދިޔަ އެޑިއު އޮޕްޝަންސް ޕްރައިވެޓް ލިމިޓެޑުން އެ ސްކޫލް ނަގާފައެވެ. އެއާ ގުޅިގެން ގަލަމް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ކިޔެވުން ވަނީ ހުއްޓާލާފަ އެވެ.

އޭގެފަހުން ވަގުތީ ގޮތުން ވިލިމާލޭގައި ޕްރީ ސްކޫލުގެ ތައުލީމް ދެމުން ގެންދިޔައީ، މުހިއްޔުދީން ސްކޫލްގައެވެ.

މި އަހަރު ގަލަމް ޕްރީ ސްކޫލް ހިންގި އިމާރާތުގައި ސްކޫލް ހިންގަން އެޑިއުކޭޝަން ނިންމާފައިވަނީ ކޯޓުގައި ކުރިއަށްދިޔަ ގަލަމް އިންޓަނޭޝަނަލް ސްކޫލްގެ މައްސަލަ ނިމުމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.