ތިލަފުށި

ފައިބަރު މަސައްކަތަށް ތިލަފުށިން ބިމެއް ހަމަޖައްސައިފި

ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ބިން ދޫކުރުމަށް ތިލަފުށިން 30،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި އެވެ.

ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން ބިން ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ވިލިމާލޭގެ ފައިބަރު މަސައްކަތް ކުރާ މީހުންނަށް ތިލަފުށިން ބިން ހަމަޖައްސައިދީފައިވަނީ ތިލަފުށީގެ އޭރިއާ އީ ސަރަހައްދުންނެވެ.

ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރިން ކުރަމުން ދިޔައީ އެ ރަށުގެ ހުޅަނގު ދެކުނު ސަރަހައްދުގައެވެ. ނަމަވެސް ތިލަމާލެ ބްރިޖުގެ މަސައްކަތަށް އެ ސަރަހައްދު ބޭނުންވާތީ ފައިބަރު މަސައްކަތް ކުރާ މީހުންނަށް ފަހުން ވަގުތީ ގޮތުން ބިމެއް ހަމަޖައްސައިދިނީ ވިލިމާލޭގެ ވެމްކޯ ސަރަހައްދުންނެވެ.

ތިލަފުށިން ބިމެއް ހަމަޖައްސާފައި މިވަނީ ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ބިން ދޫކުރަންވީ ވައުދު ފުއްދުން ލަސްވެ އެ މަސައްކަތް ކުރަމުންދާ ބައެއް މީހުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.