ގއ. ވިލިނގިލީގައި އަންހެނުންތަކެއްގެ ގައިގައި ދަތް އަޅައި އެކެއްގެ އިނގިލި ބުރިކޮށްލި މީހާ ދޫކޮށްލައފި އެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކުރީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު އެވެ.
މި މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރި ދުވަހު ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅިގެން އޭނާ 150 ދުވަހަށް ޖަލަށްލުމަށް މިދިޔަ މަހުގެ ތިންވަނަ ދުވަހު ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވެ އެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ވެސް ކޯޓުން އެ ދުވަހު އަމުރުކޮށްފައިވެ އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު މުރާޖައާ ކުރަން ކޯޓަށް ހުށަހެޅުމުން އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރި ކަމަށާއި އޭނާ ދޫކޮށްލަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިދިޔަ މަހު ހައްޔަރުކުރީ ގެއަކަށް ގަދަކަމުން ވަދެ އެ ގޭގައި ތިބި ހަތަރު މީހަކަށް ހަމަލާދިނުމުގެ ތުހުމަތުގަ އެވެ.
ހަމަލާ ދިނުމާ ގުޅިގެން އަނިޔާވީ އުމުރުން 60 އަހަރާއި، 39 އަހަރާއި، 31 އަހަރުގެ އަންހެނަކަށާއި އުމުރުން 74 އަހަރުގެ ފިރިހެނަކަށެވެ. ހޮސްޕިޓަލްގައި މި ހަތަރު މީހުންނަށްވެސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ފިރިހެން މީހާ ދަތް އަޅައި ބުރިކޮށްލީ އޭނާގެ ކުރީގެ އަނބިމީހާގެ ދައްތަގެ އިނގިލި ކަމަށް އެނގިފައިވެ އެވެ.
ފިރިހެން މީހާ މަސައްކަތް ކުރަނީ އޭނާގެ ކުރީގެ އަނބިމީހާގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިން އަތުލައި އޭނާގެ ބެލުމުުގެ ދަށަށް ގެންދިއުމަށް ކަމަށް އަވަސްއާ ވަހަކަ ދެއްކި ވިލިނގިލި ބައެއް މީހުން ކުރިން ބުނެފައިވެ އެެވެ.