ލައިފްސްޓައިލް

މަރު ނުވަނީސް މަރު ސެޓްފިކެޓް ދީފި

އިންޑިއާގެ ރަށެއްގައި ދާދިފަހުން ހިނގި ހާދިސާއެއްގައި ސަރުކާރު ހޮސްޕިޓަލެއްގެ ޑޮކްޓަރަކު އެ ހޮސްޕިޓަލުގައި އޮތް ބަލި މީހަކު މަރުނުވަނީސް މަރުވިކަމަށް ނިންމައި މަރުގެ ސެޓްފިކެޓް ދީފި އެވެ.

މިއީ ތެލަންގަނާގެ ޒަހީރްއާބާދުގެ ސަރުކާރު ހޮސްޕިޓަލުގައި ވަރަށް ފަހުން ހިނގާފައިވާ ކަމެކެވެ.

ޗިންނާ ހައިދަރުއާބާދު އަންހެނެއް ކަމަށްވާ މުންނޫރީ އަރްޗަނާ، ޓަޓިޕައްލީ ކިޔާ ރަށެއްގެ ބާލަކްރިޝްނަ ރެޑީ ކިޔާ މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅެނިކޮށް ވަރަށް ބޮޑަށް ބަލިވީ އެވެ. މާ ބޮޑަށް ބަލިވުމުން އަރްޗަނާ އޭނާގެ މައިންބަފައިން ކައިރިއަށް ގޮސް ފަހުން އޮތީ އެގޭގަ އެވެ.

އަރްޗަނާގެ ހާލު މާ ބޮޑުވާން ފެށުމުން އޭނާގެ ބައްޕަ އޭނާ ގޮވައިގެން އެ ހިސާބުގަނޑުގައި ހުންނަ ސަރުކާރު ހޮސްޕިޓަލަށް ދިޔަ އެވެ. އެ ހޮސްޕިޓަލުގެ ޑިއުޓީގައި އެ ވަގުތު ހުރި ސަންތޯޝް ނަމަކަށް ކިޔާ ޑޮކްޓަރަކު އަރްޗަނާ ބެލުމަށްފަހު އީސީޖީ ނަގާފައި އޭނާ އޮތީ މަރުވެފައި ކަމަށް ނިންމި އެވެ. އަދި ރަޖިސްޓްރީގައި އެގޮތަށް ނޯޓްކޮށް މަރުގެ ސެޓްފިކެޓް ވެސް ދޫކުރި އެވެ.

ނަމަވެސް އަރްޗަނާގެ ބައްޕަ އަށް މިކަން ގަބޫލު ނުކުރެވިގެން ޕްރައިވެޓް ހޮސްޕިޓަލަކަށް އަރްޗަނާގެ "ފުރާނަނެތް މަސްގަނޑު' ހިފައިގެން ދިޔައީ އެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބަލާފައި އަރްޗަނާ މަރު ނުވާކަމުގެ ޔަގީންކަން އޭނާގެ ބައްޕަ އަށް ދިނެވެ. ނަމަވެސް 24 ގަޑިއިރު ތެރޭ އޭނާގެ ފުރާނައަށް ވަރަށް ނުރައްކާ ކަމަށް ޑޮކްޓަރުން ބުންޏެވެ.

ހޮސްޕިޓަލުން އަރްޗަނާ އަށް ފަރުވާ ދޭން ފެށުމުން އިސާހިތަކު އޭނާގެ ހާލު ރަނގަޅުވާން ފެށި އެވެ. އަދި އަނެއް ދުވަހު ހޭ އަރައިގެން ވާހަކަ ދައްކަން ފެށި އެވެ.

ފާއތުވީ މޭ މަހުގެ 28 ވަނަ ދުވަހު އަރްޗަނާ ވަނީ ބަލި މުޅިން ރަނގަޅުވެގެން ހޮސްޕިޓަލުން ޑީސްޗާޖް ކުރުމުން ގެއަށް ގޮސްފަ އެވެ.
ދަރިފުޅު މަރުނުވަނީސް މަރުގެ ސެޓްފިކެޓް ލިޔެދީފައިވާތީ އަރްޗަނާގެ ބައްޕަ ހުރީ ވަރަށް ރުޅިގަދަވެފަ އެވެ. އަރްޗަނާ ގެއަށް ގެންދިއުމަށް ފަހު އޭނާ ވަނީ ކަމާ ބެހޭ އިދާރާތަކަށް ގޮސް މި މައްސަލަ ޖައްސައި ޑރ. ސަންތޯޝް އާ ދެކޮޅަށް ރަސްމީކޮށް ޝަކުވާ ހުށަހަޅާފަ އެވެ. އެގޮތުން ފުލުހުންނާއި ޑިސްޓްރިކްޓް ކަލެކްޓާ އަދި ހޮސްޕިޓަލުގެ ސުޕްރިންޓެންޑެންޓް ކައިރިއަށް އަރްޗަނާގެ ބައްޕަ ގޮސް ޑޮކްޓަރު ކަންތައް ކުރި ގޮތުގެ ވާޙަކަތައް ކިޔައިދީ މައްސަލަ ޖައްސާފައި ވެއެވެ.