ރާއްޖޭން މިއަހަރު ހައްޖަށްދާ ފުރަތަމަ ގުރޫޕް މިމަހުގެ 26 ވަނަ ދުވަހު ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ސައުދީ ސަރުކާރުން ރާއްޖެއަށް މިއަހަރު ހަމަޖައްސައިދީފައިވާ 453 ކޯޓާ ސަރުކާރުން ދީފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ.
ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހު ފުރާ ފުރަތަމަ ގުރޫޕްގައި 157 މީހުން ހައްޖަށް ފުރާނެ ކަމަށެވެ.
ހައްޖު ކޯޕަރޭޝަނަށް ލިބިފައިވާ ޖުމްލަ ކޯޓާގެ ތެރެއިން 352 ޖާގައަށް ހައްޖަށް ގެންދަނީ އެ ކޯޕަރޭޝަނަށް ކުރިން ފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން ކިއު ތަރުތީބުންނެވެ. ބާކީވާ ޖާގަތަކަށް މީހުން ގެންދަން ނިންމާފައިވަނީ އެ ޖާގަތަކަށް އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ މީހުން ގުރުއަތުން ނަގައިގެންނެވެ.
ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކުރިއަށް އޮތް ހޯމަ ދުވަހުގެ މެންދުރުފަހު 2:30 އިން ހަވީރު 5:30 އަށެވެ.
ހައްޖު ކޯޕަރޭޝަނުން އާންމުކޮށް ހުޅުވާލައިގެން ގުރުއަތުން ހޮވޭ ޖާގަތަކުގައި ހައްޖަށްދާ މީހުން 76،960 ރުފިޔާ ދައްކަންޖެހެ އެވެ. ގުރުއަތުން ހޮވުނުކަން އަންގާތާ ތިން ދުވަސް ތެރޭގައި ފައިސާ ދައްކަންޖެހެ އެވެ.
ސައުދި އަރަބިއްޔާ އިން ކަނޑައަޅާފައިވާ ކޮވިޑް 19ގެ އުސޫލުގައިވާ ގޮތުން މިއަހަރު ހައްޖަށް ދެވޭނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށެވެ.