ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަނެއްކާވެސް ދެއްވައިފި އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ރައީސް ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާނީ އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން ނުހިމެނޭ ގޮތަށް އަދި ކޮންމެ ތިން އަހަރަކުން އެއް ފަހަރު ކޮމިޝަންގެ މެންބަރުން ބަދަލުކުރަންޖެހޭ ގޮތަށް ކަމަށެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް
- ރައްޔިތުންގެ މަޖިލީހުގެ ރައީސް
- ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު
- ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
- ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބު ކުރާ ފަނޑިޔާރަކު
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރަކު
- އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު
- ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު
- ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
- ބަންޑާރަނައިބު
- ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލެއް
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށް ރައީސް މީގެކުރިން ވެސް އެކި ފަހަރު މަތިން ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރެއްވުމާ ގުޅޭ ސުވާލު ދެންނެވުމުން ރައީސް ސޯލިހް ވިދާޅުވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ބިލް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު މިހާރު ވަނީ ތިންވަނަ ފަހަރަށް މަޖިލީހަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. ކުރިން ދެ ފަހަރު ހުށަހެޅި އިސްލާހު ވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.