އެމްޑީޕީ

ދަރަނިތައް ރީސްޓްރަކްޗާ ކުރަން ގޮވާލާ ގަރާރެއް ހުށަހަޅައިފި

Jun 9, 2022

ސަރުކާރުގެ ދަރަނިތައް ރީސްޓްރަކްޗާ ކުރަން ގޮވާލާ ގަރާރެއް އެމްޑީޕީގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ގަރާރުގައި ބުނެފައިވަނީ 2012 އިން 2018 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން އެކި ފަރާތްތަކަށް ދިފައިވާ ސޮވެރިން ގެރެންޓީއާއި އެ މުއްދަތުގެ ތެރޭގައި ވިއްކާފައިވާ ބޮންޑާ އަދި ނަގާފައިވާ ލޯނުތަކުގެ ބޮޑު ބައެއް މިއަހަރާއި އަންނަ އަހަރު ސަރުކާރުން ދައްކަންޖެހޭ ކަމަށެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނީ 24.3 ބިލިއަން ރުފިޔާ ކަމަށް ފާސްކޮށްފައިވާ އެކަމަކު މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އަދި ލިބުނީ 11.1 ބިލިއަން ރުފިޔާ ކަން ފާހަގަކޮށްފައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ މިއަހަރުގެ ބަޖެޓުގެ ޖުމްލަ ދަރަނި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 91.8 މިލިއަން ރުފިޔާގައި ކަމަށާއި އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 104.4 ޕަސަންޓް ކަމަށެވެ. އަދި ގެރެންޓީ ހިމަނައިގެން އެ އަދަދު 102.9 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ލަފާކޮށް ގަރާރުގައި ބުނެފައިވަނީ އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117.7 ޕަސެންޓް ކަމަށެވެ.

ސަރުކާރުން ގެރެންޓީ ދީގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ބޭރު ފައިސާގެ ލޯނުތައް އަނބުރާ ދެއްކުމަށް ދައުލަތުގެ ރިޒާވުން ހަރަދު ކުރަންޖެހޭ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ހަރަދުތައް ފޫނުބެއްދޭ ކަމަށާއި އެ ހަރަދުތައް ދެކޮޅުޖެއްސުމަށާއި ކުރިން ނަގާފައި ހުރި ލޯނުތައް އަނބުރާ ދެއްކުމަށް އިތުރު ލޯނުތައް ނަގަންޖެހިފައިވާ ކަމަށްވެސް ގަރާރުގައިވެ އެވެ. އެހެންކަމުން ދަރަނި ރީސްޓްރަކްޗާ ކުރުން މުހިއްމު ކަމަށް ފާހަގަކޮށްފައިވެ އެވެ.

"އެކަމަށް ބޭނުންވާ ކަންކަން ތަރުތީބުކޮށް އިންތިޒާމްކޮށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދި ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަން،" ގަރާރުގައިވެ އެވެ.

ސަރުކާރުގެ ދަރަނިތައް ރީސްޓްރަކްޗާ ކުރަން ގޮވާލާ އެމްޑީޕީގެ މެންބަރަކު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައި މިވަނީ ދައުލަތުގެ ދަރަނިތަކަށް އަނބުރާ ފައިސާ ނުދެއްކިގެން ދައުލަތް ބަނގުރޫޓް ނުވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްވާފައި ވަނިކޮށެވެ.