ގައުމީ ޔުނިވާސިޓީ

އެމްއެންޔޫގެ ޗާންސެލަރާއި އިސްވެރިންގެ ކޯޅުމެއް

Jun 9, 2022
1

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޗާންސެލަރު ޑރ. ހަސަން ހަމީދާއި ޔުނިވަސިޓީގެ ބައެއް އިސްވެރިންގެ މެދުގައި ކޯޅުންތަކެއް ހިނގަމުންދާ ކަން ހާމަވެއްޖެ އެވެ.

އެމްއެންޔޫގެ އިސްވެރިންގެ ކޯޅުންގަނޑު ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް އެމްއެންޔޫގެ ޗާންސެލަރު ޑރ. ހަސަން ހަމީދާއި ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ހިމެނޭ ގޮތަށް އެތަނުގެ ބައެއް އިސްވެރިން މިއަދު ކޮމިޓީއަށް ހާޒިރުކޮށް ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ އެމްއެންޔޫގެ ގާނޫނު އޮތް ގޮތުން ވައިސް ޗާންސެލަރަކީ ދުވަހުން ދުވަހަށް ޔުނިވަސިޓީ ހިންގުމުގައި އެންމެ އިސް ފަރާތް ކަމަށްވީ ނަމަވެސް އޭނާއަށް އެނގިވަޑައިގެން ނުގެން އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް ޗާންސެލަރު އެންގުންތައް އަންގަވައިގެން ކަންކަން ކުރައްވާ ކަމަށެވެ. އެހެންކަމުން ޔުނިވަސިޓީގެ ގާނޫނުގައި މިހާރަށް ވުރެ ތަފްސީލްކޮށް މަސްއޫލިއްޔަތުތަކާއި ޒިންމާތައް ހިމަނައިދިނުމަށް ޝަރީފް އެދިވަޑައިގެންނެވި އެވެ. އެއީ ފަހުން އެ މަގާމުތަކާ ހަވާލުވެވަޑައިގަންނަވާ ބޭފުޅުންނަށް ފަސޭހަ އަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެމްއެންޔޫގެ މިހާރުގެ ޗާންސެލަރަކީ ކުރިން އެމްއެންޔޫގެ ވައިސް ޗާންސެލަރު ކަމަށްވާތީ ބައެއް ކަހަލަ ނާޖާއިޒު ފައިދާ ނަންގަވާ ކަމަށެވެ. އެގޮތުން އޭނާ ހުށަހަޅުއްވާ މައްސަލަތައް އެޖެންޑާ ނުކުރައްވާ ކަމަށް ތުހުމަތުކުރެއްވި އެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، ރިސާޗް އެންޑް އެންޓަޕްރައިޒް ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ޔުނިވަސިޓީގެ ގާނޫނު މިހާރު އޮތް ގޮތުން އޭނާ އަށް ވެސް ދަތިތަކެއް އެބަހުރި ކަމަށެވެ.

ޝެހެނާޒް ވިދާޅުވީ ގާނޫނު އޮތް ގޮތުން އޭނާގެ މަސައްކަތްތައް ރިޕޯޓް ކުރަންޖެހެނީ ވައިސް ޗާންސެލަރަށް ކަމަށެވެ. ނަމަވެސް އެގޮތަށް ހުރިހާ ފަހަރަކު ކަންކަން ނުހިނގާ ކަމަށް ވިދާޅުވި އެވެ.

އެމްއެންޔޫގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ޖަވާބެއް ދެއްވުމަށް ޗާންސެލަރު ހަސަން ހަމީދަށް ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ފުރުސަތު ދެއްވުމުން ހަސަން ވިދާޅުވީ އެ ވާހަކަތަކުގެ ކޮންޓެސްޓާއި ވާހަކައިގެ ވެށި ސާފުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ކުއްލިއަކަށް ޖަވާބެއް ދެއްވަން ދަތިކަމަށްވެސް ވިދާޅުވި އެވެ.

ހަސަންގެ ޖަވާބާ ގުޅިގެން ކޮމިޓީގެ މުގައްރިރު ވިދާޅުވީ އެމްއެންޔޫގެ އިސްވެރިން ކޮމިޓީ އަށް ހާޒިރުކުރީ ޔުނިވާސިޓީގެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރަން ކަމަށް ލިޔުމުން ޔުނިވާސިޓީއަށް އެންގުމަށްފަހު ކަމަށެވެ. އަދި އޭގެފަހުން ކޮމިޓީގެ ބައެއް މެންބަރުންގެ އެދިވަޑައިގަތުމަކަށް ކޮމިޓީ ވަނީ ސިއްރުކޮށްފަ އެވެ.