ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓްކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ހުށައަޅުއްވާފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ދެއްކެވި ވާހަކަ ޖުމްހޫރީ ޕާޓީން ދޮގުކޮށްފި އެވެ.
ތޯރިގް މިހެން ވިދާޅުވެފައި މިވަނީ ނުރަސްމީ ކުއްލި ދަތުރުފުޅެއްގައި ރައީސް ސޯލިހް މިއަދު މާމިގިއްޔަށް ވަޑައިގެންފައި ވަނިކޮށެވެ. ކުއްލި ގޮތަކަށް ރައީސް، މާމިގިއްޔަށް ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަށް ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ދެންނެވުމަށް ގާސިމް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ އަރިހުގައި މިވަގުތު ޖުމްހޫރީ ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ގާސިމް އިބްރާހިމާ ބައްދަލުކުރެއްވުމަށް ރައީސް ސޯލިހް މާމިގިއްޔަށް ވަޑައިގެންފައިމިވަނީ ރިޔާސީ ދެވަނަ ދަައުރަކަށް ތައްޔާރަށް ހުންނެވި ކަމަށް މިދިޔަ ބުދަ ދުވަހު އިއުލާނު ކުރައްވާފައި ވަނިކޮށެވެ.
ރައީސްގެ ދަތުރުފުޅަށް އިޝާރާތް ކުރައްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވިދާޅުވީ ޖުމްހޫރީޕާޓީގެ ލީޑަރުގެ ރިޔާސީ އުއްމީދު ނިމުމަކަށް ގެނެސް ރައީސް ސޯލިހުގެ ރަނިންމޭޓްކަން އެމަނިކުފާނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. ތޯރިގް އެ އިޝާރާތް ކުރައްވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަަށް ޖުމްހޫރީ ޕާޓީން ބުނި ބުނުމަށެވެ. ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރިޔާސީ ކެންޑިޑޭޓަކު އެ ޕާޓީން ނެރޭނަމަ އެ ބޭފުޅަކަށް ވާނީ ގާސިމެވެ.
އެ ވާހަކަތައް ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު ވަނީ ދޮގު ކުރައްވާފައެވެ. އިލްހާމް ވިދާޅުވީ ތޯރިގް ހެއްދެވީ ދޮގެއް ކަމަށެވެ. އަދި އެއީ ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ.
"ހިޔާލީ ވާހަކައެއް. ކަނޑައެޅިގެން ދޮގެެއް،" ތޯރިގަށް ރައްދު ދެއްވާ އިލްހާމް ވިދާޅުވިއެވެ.
ކުރީން ޕީޕީއެމްއާ ޑީއާރުޕީންވެސް ފާހަގަވި އިލްހާމް ގެންދަވަނީ ގާސިމްގެ ފަރާތްޕުޅުން މި ފަހުން ވާހަކަތައް ވިދާޅުވަމުންނެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް ވިދާޅުވީ 2023ގެ އިންތިހާބުވެސް އެއް ޕާޓީއަކަށް އެކަނި ނިކުމެ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް އޮތް ޔަގީން ކަމަކީ ކޯލިޝަނަކާއެކު ނިކުންނަވާ 2023 ކާމިޔާބު ކުރެއްވުން ކަމަށެވެ.
"އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއެކު އެމްޑީޕީ އިސްވެ އޮވެ ބަޔަކާއެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ. އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް މިއަދު ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމެއް 2023 ގައި ގާއިމުކޮށް މިހާރު އޮތް ވެރިކަން ދަމަހައްޓަން އެދޭނަމަ އެކަމަށް އޮތް "ޗޮއިސް" އަކީ އެމަނިކުފާނު ކަމަށްވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.