ދުނިޔެ

ކޫރިލް ރަށްތައް ކައިރިން މަސް ނުބާނަން ޖަޕާނަށް އަންގައިފި

މިލްކުވެރިކަމާ މެދު ފެންނަ ގޮތް ފުށުއަރާފައި އޮންނަ ކޫރިލް ރަށްތައް ދޮށުން މަސް ބޭނުން ޖަޕާންގެ މަސްވެރިންނަށް ރަޝިއާއިން މަނާ ކޮށްފި އެވެ. އެ ސަރަހައްދުން މަސް ބޭނުމުގެ ހުއްދަ ވަކި ޝަރުތަކަކާއެކު ޖަޕާންގެ މަސްވެރިންނަށް އޮންނަނީ ރަޝިއާއިން ދީފަ އެވެ.

ކޫރިލް ރަށްތައް އޮންނަނީ ޖަޕާނާ ވަރަށް ކައިރީގައި، އުތުރު ޕެސިފިކް ކަނޑަށްވާ ގޮތަށެވެ. ރަޝިއާއިން ބުނަނީ އެއީ ރަޝިއާގެ ރަށްތަކެއް ކަމަށެވެ. ޖަޕާނުން ބުނަނީ މަސްލަހަތު އޮތް ކަމަށެވެ.

ޖަޕާނުން ބުނަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރޫސީވިލާތުން ކޫރިލް ރަށްތައް ޖަހައިގަތީ ކަމަށެވެ. އެހެންވެ އެއީ ޖަޕާނަށް ލިބެން ޖެހޭ ރަށްތަކެއް ކަމަށެވެ.

ކޫރިލް ރަށްތައް މިހާރު ބަލަހައްޓަނީ ރަޝިއާއިންނެވެ. މައިގަނޑު ގޮތެއްގައި އެތަނުގައި ތިބެނީ އަސްކަރީ ސިފައިިންނެވެ. އަސްކަރީ ފަރިތަކުރުން ތަކާއި އަސްކަރީ ބިނާތައް ވެސް އެ ރަށްތަކުގައި ހުރެ އެވެ.

ރަޝިއާ ބުނާ ގޮތުން ޖަޕާންގެ މަސް ކުންފުނިތަކަށް ކޫރިލް ރަށްތައް އޮންނަ ކަނޑުން މަސް ބޭނުން މަނާ ކުރީ، އެ ސަރަހައްދުން މަސްބާނަށް ދޫކޮށްފައި އޮންނަ ކޯޓާއަށް އަގު ނުދެއްކުމުގެ ސަބަބުންނެވެ.

ކޯޓާއަށް އަގު ދެއްކުމަކީ ޖަޕާނުން ކުރަން ޖެހޭ ކަމެއް ކަމަށް ޖަޕާން ގަބޫލެއް ނުކުރެ އެވެ. އެ މީހުން ދެކޭ ގޮތުގައި އެއީ އެ މީހުންގެ އަމިއްލަ ކަނޑެކެވެ.

ޕެސިފިކް ކަނޑުގެ އެ ސަރަހައްދަކީ މަސްވެރިކަމަށް ވަރަށް މުއްސަނދި ސަރަހައްދެއް ކަމަށް ވެ އެވެ. ޖަޕާންގެ މަސްވެރިން ޒަމާނުއްސުރެ އެ ސަރަހައްދުން މަސްބާނާ އުޅެ އެވެ.

ޖަޕާން މީހުންނަކީ ކަނޑު މަހަށް ވަރަށް ލޯބިކުރާ ބައެކެވެ. އެހެންކަމުން ކޫރިލް ރަށްތައް ދޮށުން މަސް ބޭނުން މަނާކުރުން ވަރަށް ބޮޑު މައްސަލައަކަށް ވާނެ އެވެ.

ކޫރިލް ރަށްތަކުގެ މައްސަލާގައި ރަޝިއާ އާއި ޖަޕާން ކުރަމުން ދިއަ މަޝްވަރާތައް މިހާރު ވަނީ ހުއްޓާާލާފަ އެވެ. އެއީ ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް ޖަޕާނުން ކުށްވެރިކޮށް ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތިކުރަން ހުޅަނގަށް އެއްބާރުލުން ދޭތީ އެވެ.