ދުނިޔެ

ޓޯކިޔޯ އާއެކު ވެވޭނެ ސުލްހައެއް މިވަގުތަކު ނެތް: މޮސްކޯ

ޖަޕާނުން ރަޝިއާ އާމެދު ހެޔޮ ގޮތަކަށް ނުވިސްނާ ކަމަށް ރަޝިއާ ފޮރިން މިނިސްޓަރުގެ ނާއިބު، އަންދުރީ ރުޖިއެންކަ ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ މި ހާލަތުގައި ޓޯކިޔޯ އާއެކު ގާއިމުކުރެވޭނެ ސުލްހައެއް ނެތް ކަމަށެވެ.

އަންދުރީ ރުޖިއެންކަ ވިދާޅުވީ މޮސްކޯ-ޓޯކިޔޯ ސުލްހައިގެ މޭޒު ދޮށަށް ދިމުއަމަކީ މިވަތުގު ހުޅުވާލެވިފައި އޮތް މައުލޫއެއް ނޫން ކަމަށެވެ.

ސުލްހައިގެ މުއާހަދާއެއް ގާއިމުކުރަން ބަލާއިރު -- އަންދުރީ ވިދާޅުވި ގޮތުގައި -- ޓޯކިޔޯ އޮތީ ކޮޅެއް ނަގައިގެންނެވެ.

ރަޝިއާ-ޔުކްރޭން ހަމަނުޖެހުންތަކުގައި ޓޯކިޔޯގެ ވިސްނުމަކީ ކޮންމެވެސް މާނައެއްގައި ރަޝިއާ ސުންނާފަތިވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓޯކިޔޯ އަބަދުވެސް ގެންގުޅެނީ ރަޝިއާއާ ދެކޮޅުވެރި ސިޔާސަތެއް ކަމަށްވެސް ފޮރިން މިނިސްޓަރުގެ ނާއިބު ވިދާޅުވި އެވެ. ދެ ގައުމުގެ ދެމެދުގައި ހުރި ޚިލާފުތައް ނައްތާލުމުގެ ބަދަލުގައި ޖަޕާން ގެންގުޅެނީ މައްސަލަތައް ބޮޑުކުރުމުގެ ސިޔާސަތެއް ކަމަށްވެސް އަންދުރީ ވިދާޅުވި އެވެ.

ޓާސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަންދުރީ ވިދާޅުވީ ރަޝިއާ އެއްވެސް ކަމެއް ހައްގުނުވާ ކަމަށް ދައުވާކުރާ ގައުމަކާ ކުރައްވާނެ މަޝްވަރާއެއް އޮތް ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

ރަޝިއާއާ ދެކޮޅު މަގުތައް ޓޯކިޔޯ އިން ދޫކޮށްލުމަށް ދާންދެން މަޝްވަރާކުރުން ދަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ހާލަތު ރަނގަޅު ކުރުމަކީ ޓޯކިޔޯއަށް ވެސް އޮތް ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާ އިން ޔޫކްރެއިންގައި ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ފެށުމާއެކު ބޮޑުވަޒީރު ކިޝިދާގެ ސަރުކާރުން ހުޅަނގާ ގާތަށް ޖެހިލި ކަމަށްވެސް އަންދުރީ ވިދާޅުވި އެވެ. ހުޅަނގުން ބޭނުންވާ ގޮތަށް ޓޯކިޔޯ ވެސް އެދެނީ އިގްތިސާދީ ނިޒާމުތަކުން ރަޝިއާ ބޭރުކޮށް އެކަހެރިކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.