ދުނިޔޭގައި އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައި އޮތް ހަތް ގައުމު ކަމަށް އެ މީހުން ދައުވާކުރާ "ޖީ ސެވަން" ގައުމުތައް މިއަދު ޖަޕާންގެ ހިރޯޝިމާގައި ބައްދަލުކުރާނެ އެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ޖަޕާނުން އެތައް މައުލޫއެއް އޮތީ ކުރިއާލައި ތައްޔާރުކޮށްފަ އެވެ. އެންމެ ކުރީގައި އޮތީ ރަޝިއާ އާއި ޗައިނާ އެވެ.
ރަޝިއާ އާއި ޗައިނާ ލިސްޓުގެ ކުރީގައި އޮތީ ދުނިޔޭގައި ޖީ ސެވަންއަށް ކުރިން އޮތް ބާރު ގެއްލިދާނެ ކަމަށް ބެލެވެން ފެށުމުން ބިރުންނެވެ. އެ ދެގައުމާ ބެހޭ ގޮތުން އަވަހަށް ގޮތެއް ނިންމައި އަމަލުކުރަން ފެށުމަށެވެ.
އިގުތިސާދީ ގޮތުން ޗައިނާ ކުރިއަރައި ދާތަން ބަލަން ނުތިބެ ޗައިނާ މަތަކުރެވޭނެ ނިޒާމެއް ޖީ ސެވަނުން ކަނޑައެޅުމަކީ ވެސް އެޖެންޑާގައި އޮތް މައުލޫއެކެވެ.
ޔުކްރޭން ހަނގުރާމާގައި ރަޝިއާ އަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުން ހުޅަނގުން ހީކުރި ނަތީޖާއެއް ނުނިކުތެވެ. އެ މީހުން ހީކުރީ ދާދި އަވަހަށް ރަޝިއާ ބަލިކަށިވެ ކުޑަކަކޫ ޖަހާނެ ކަމަށެވެ.
އެހެން ނަމަވެސް، ޗައިނާ އާއި އިންޑިއާ އަދި އީރާން ފަދަ ގައުމުތަކުން ރަޝިއާއާ އެކު އޮތް ގުޅުން އެ ގޮތުގައި ދެމެހެއްޓުމުން -- އަދި ގުޅުން އެއަށް ވުރެ ބަދަހިކުރުމުގެ ސަބަބުން، ހުޅަނގުގެ ދަތިކުރުންތަކުން ރަޝިއާއަށް ކުރު މުއްދަތެއްގެ ތެރޭގައި ފާހަގަކުރެވޭ ވަރުގެ އަސަރެއް ނުކުރި އެވެ.
ޖަޕާންގެ ހީރޯޝިމާގައި މިއަދު ކުރަން ފަށާ މަޝްވަރާތަކުގައި ރަޝިއާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމާ މެދު ވެސް ވިސްނާނެ އެވެ.
ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ އިތުރުން ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޯރުކޮށްދިނުމަށް ގައުމުތަކެއް އެއްބަސްކުރުވާނެ އެވެ. ރަޝިއާ ބަލިކުރުމަށްފަހު ރަޝިއާގެ ދޮރުބުޑަށް ނޭޓޯ ފުޅާކުރުމަކީ ދުރާލައި ރާވާފައި އޮތް ވިސްނުމެކެވެ.
ޓައިވާންގެ އަސްކަރިއްޔާ ގާބިލުކުރުވުމާއި އޮސްޓްރޭލިއާއަށް ނިއުކްލިއާ ފޯރުކޮށްދިނުމަކީ ވެސް އެޖެންޑާގައި އޮތް އައިޓަމެކެވެ.
ޖީ ސެވަންގެ ނަމުގައި މުޅި ހުޅަނގުން މިހާރު ވިސްނަނީ ޔުކްރޭން މެދުވެރިކޮށް ރަޝިއާ ވަށާލައި އަދި ޓައިވާން އާއި އޮސްޓްރޭލިއާ މެދުވެރިކޮށް ޗައިނާ ވަށާލުމަށެވެ.
ޗައިނާ އިސްވެ އުފައްދާފައި އޮތް "ބްރިކްސް" (މިއީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާގެ ނަން ކުރުކޮށްލައިގެން އުފައްދާފައި އޮތް ނަމެއް) އާއި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ނުފޫޒު "ޖީ ސެންވަން" އަދި ނޭޓޯގެ މައްޗަށް ގަދަކުރަމުން އަންނަ އައުމާ މެދު ވެސް ހީރޯޝިމާގައި މަޝްވަރާކުރާނެ އެވެ.
ޗައިނާ އާއި ރަޝިއާ އަދި ގަލްފުގެ އަރަބި ގައުމުތައް އެކުވެ ހުޅަނގުގެ ބާރު ކަނޑުވާލުމަށް ރާވަމުންދާ ރޭވުންތަކާ މެދުވެސް ޖީ ސެވަނުން މަޝްވަރާކުރާނެ އެވެ. އެހެންނަމަވެސް ޖީ ސެވަން މިހާރު އޮތީ ބްރިކްސް އާއި އެސްސީއޯގެ މައްޗަށް މާބޮޑު ނުފޫޒެއް ފޯރުވޭ ހާލަތެއްގައެއް ނޫނެވެ.
އެއްއިރެއްގައި ހުޅަނގުން ވިސްނައިދިން ވިސްނުން ގަބޫލުކޮށްގެން ތިބި ގައުމުތައް މިހާރު ވަނީ އަމިއްލައަށް ވިސްނަން ފަށާފަ އެވެ. އެ ގައުމުތަކުގެ ވިސްނުން ތޫނުވެފައި ދުވެލި ބާޜެވެ. އެހެންކަމުން ހުޅަނގަށް ދެން އޮތް ގޮތަކީ ވަކިވަކިން ކޮންމެ ގައުމެއްގެ ބޮލަށް ބަޑިޖެހުމެވެ. ހީރޯޝިމާގައި ޖީ ސެވަން އެއްގަލަކަށް އަރާނީ މި މައުލޫއަށެވެ.