ނެއްލައިދޫ

ހިރިނައިދޫ، ނެއްލައިދޫ ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސައިދޭން އެދިއްޖެ

Jun 12, 2022
1

ހދ. ހިރިނައިދޫ، ހދ. ނެއްލައިދޫގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް ނެއްލައިދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފި އެވެ.

ނެއްލައިދޫ ކައުންސިލުން މިކަމަށް ހުށަހެޅީ މިއަދު މެންދުރުފަހު، ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ރައީސް ސޯލިހާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

މިބައްދަލުވުމުގައި ނެއްލައިދޫ ކައުންސިލުން ވަނީ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ރައީސްގެ ސަމާލުކަމަށް ގެންނަވާފަ އެވެ. އެގޮތުން ރަށުގެ މަގުތައް ލެވެލްކުރުމާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ހޯދުން ހިމެނެ އެވެ.

ހިރިނައިދޫ، ނެއްލައިދޫ ކައުންސިލާ ހަވާލުކުރަން އެ ކައުންސިލުން އެދުނީ އިގްތިސޯދީ އަދި ސިނާއީ މަސައްކަތްތަކެއް ކުރުމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ސީދާ ކައުންސިލްތަކާއި ބައްދަލުކޮށް، މަޝްވަރާކުރެއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި ނެއްލައިދޫ ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރެއިން މިއަހަރު ކޮށްދެވެން ހުރި ކަންކަމަކީ ކޮބައިތޯ ބައްލަވައި އެކަމާ ގުޅޭ މުއްސަސާތަކަށް ހުށަހަޅުއްވާނެ ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށާއި، ކައުންސިލްގެ އާ އިމާރާތެއް އެޅުމާއި ގުޅޭ މަސައްކަތްތައްވެސް ކަމާބެހޭ މުއައްސަސާތަކާއި ވާހަކަ ދައްކައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޒިޔާދާއި، ނެއްލައިދޫ ކައުންސިލް މެމްބަރުންނާއި ނެއްލައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.