ލައިފްސްޓައިލް

ހޮސްޕިޓަލުން އޮޅުވާލި ދަރިފުޅު ލިބުނީ ތިން އަހަރު ފަހުން

މީގެ ތިން އަހަރު ކުރިން ހޮސްޕިޓަލަކުން އޮޅިފައި އޮތް ކުއްޖެއް އެ ކުއްޖާގެ މަންމައަށް އަނބުރާ ރައްދުކޮށްފި އެވެ. އިންޑިއާގެ އާސާމްގެ ބަރްޕެޓާ ޑިސްޓްރިކްޓްގައި މީގެ ތިން އަހަރު ކުރިން މާބަނޑު ދެ އަންހެނަކު އެއް ދުވަހެއްގައި ގާތްގަނޑަކަށް އެއް ވަގުތެއްގައި ވިހެ އެވެ.

މީގެ ތެރެއިން އެކަކު ވިހޭ ދަރިފުޅު އުފަންވީއިރު ވެސް އޮތީ މަރުވެފަ އެވެ. އަނެއް މީހާގެ ދަރިފުޅު ދުނިޔޭގައި ގަދަވެ ސަލާމަތުން އޮތެވެ. ދަރިފުޅު މަރުވެފައިވާ ކަމަށް ނިންމައި މަރުވެފައިވާ ކުއްޖާ ހަވާލުކުރީ ނަޒްމާ ޚާނަމް ކިޔާ އަންހެނަކާ އެވެ. އަނެއް އަންހެންމީހާ އަށް ދިނި އޭނާގެ ދަރިފުޅޭ ކިޔާފައި ދިރިހުރި ކުއްޖާ އެވެ. މި ދެ މީހުން ވިހޭ ދަރިން އޮޅުނީ އެ ދެ އަންހެނުންގެ ނަން އެއްގޮތް ކަމުން އެރި އޮޅުމަކުންނެވެ.

ފިލްމެއް ތައްޔާރުކޮށްލަން މޮޅު ވާނެކަމަށް ޔަގީންވާ މި ހާދިސާގައި ނަޒްމާއަށް އޭނާގެ ދަރިފުޅު އަނބުރާ ލިބިފައި ވަނީ ކޯޓު މެދުވެރިކޮށެވެ.

މޭ 3، 2019 ގައި ނަޒްމާ ޚާނަމް ފިރިހެން ކުއްޖެއް ވިހެއި ފަހުން ހާލު ބޮޑުވެގެން އައިސީޔޫ އަށް ލިޔެވެ. އޭނާ ވިހޭ ދަރިފުޅު އޮތީ ޗައިލްޑް ކެއާ ރޫމްގަ އެވެ. އޭގެ އެތައް ގަޑިއިރެއް ފަހުން ހޮސްޕިޓަލުގެ މުވައްޒަފަކު ގޮސް މަރުވެފައިވާ ކުއްޖެއް ނަޒްމާގެ އާއިލާ އާ ހަވާލު ކުރި އެވެ.

ނަޒްމާގެ ގާނޫނީވަކީލު އަބްދުލްމަންނާން ބުނިގޮތުގައި ނަޒްމާ ވިހެއީ ސިއްހަތު ރަނގަޅު ކުއްޖެކެވެ. އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް ނެތި ކުއްލިއަކަށް މަރުވި ވާހަކަ ބުނުމުން ގަބޫލު ކުރަން ދަތިވި އެވެ. އެހެންވެ ޝައްކު ވާތީ ނަޒްމާ ވިހޭތާ ތިން ދުވަސް ފަހުން ނަޒްމާ ވިހޭ ދުވަހު އެ ހޮސްޕިޓަލުގައި ވިހޭ ހުރިހާ އެންމެންގެ ނަންތައް ބެލި އެވެ.

އެ ދުވަހު ނަޒުމާ ކިޔާ ދެ އަންހެނުން ވިހޭކަން އެމީހުންނަށް އެނގުނީ މި ބެލި ބެލުމުންނެވެ. އެ ނަޒްމާ އަށް ކިޔަނީ ނަޒްމާ ޚާތޫން އެވެ. މަރުވެފައިވާ ދަރިފުޅު ހަވާލުކުރީ ނަޒްމާ ޚާނަމް އާއެވެ.

އެ ދުވަހުން ފެށީގެން މި މައްސަލަ ކޯޓުގައި ހިނގަމުން ގޮސް އެންމެ ފަހުން ނަޒްމާ ޚާނަމް ކޮޅަށް މައްސަލަ ނިމި ކުއްޖާ ހަވާލު ކުރަން ނަޒްމާ ޚާތޫންގެ އާއިލާއަށް އެންގިއިރު ކުއްޖާގެ އުމުރުން ތިން އަހަރު ވަނީ ފުރިފަ އެވެ.

އެ ކުއްޖާ އަކީ ނަޒްމާ ޚާނަމްގެ ދަރިއެއްކަން ސާބިތު ކޮށްފައި ވަނީ ޑީއެންއޭ ޓެސްޓް ހަދައިގެންނެވެ.