ރަޝިއާ އަކީ ހިތްވަރުގަދަ ގައުމެއް ކަމަށް ވިދާޅުވެ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް މެސެޖެއް ފޮނުވައިފި އެވެ.
ކިމް ޖޮން އުން ވިދާޅުވި ގޮތުގައި އުތުރު ކޮރެއާ އަބަދުވެސް އޮންނާނީ ރަޝިއާ އާއެކު އެވެ. ރަޝިއާ އަކީ އިހުތިޔާރު ކޮށްފި ކަމެއްގައި ސާބިތުވެ އޮންނަ ގައުމެއް ކަމަށް ވިދާޅުވެ ކިމް ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް އުތުރު ކޮރެއާ އަބަދުވެސް ޝުކުރުވެރި ވާނެ އެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް މުޅި ދުނިޔެ ކުށްވެރި ކޮށްފައި ވާއިރު އުތުރު ކޮރެއާ އޮތީ ރަޝިއާ ކޮޅުގަ އެވެ. ކިމް ކުރިން ވިދާޅުވި ގޮތުގައި ރަޝިއާއަކީ ގަދަފަދަ ބާރެއްކަން އެނގި ތިބެ ބަޔަކު ރަޝިއާގެ ދޮރުބުޑަށް ޖެހިގަތުމުން ވާނެ ގޮތް ޔުކްރޭނަށް އެ ވަނީ އެވެ.
ކިމް ވިދާޅުވި ގޮތުގައި ރަޝިއާ އެ ކުރަނީ ހައްގު މަސައްކަތެކެވެ. ގައުމު ދިފާއު ކުރުމަކީ ކޮންމެ ގައުމަކަށް ވެސް އޮންނަން ޖެހޭ ޝަރަފެކެވެ. ރަޝިއާއިން އެ ފެންނަނީ ވެރިންނާއެކު އާންމު ރައްޔިތުން ތިބުމުން ނުކުންނަ ހެޔޮ ނަތީޖާ އެވެ.
އުތުރު ކޮރެއާއިން އަބަދުވެސް ރަޝިއާއަށް އެއްބާރުން ދޭނެ ކަމަށް ވިދާޅުވެ ކިމް ވިދާޅުވީ ޕޫޓިންގެ ޒައާމަތުގައި ރަޝިއާ ދާނީ ކުރިއަށް ކަމަށެވެ.
ކިމްގެ މެސެޖުގައި ޔުކްރޭންގެ ނަންގަނެފައެއް ނުވެ އެވެ. އެހެން ނަމަވެސް ރަޝިއާ ކޮންމެވެސް ގައުމަކާ ހަނގުރާމަ ކުރާކަން އުތުރަށް އެނގޭކަން ދޭހަވެ އެވެ.
ދުނިޔޭގެ މަސްލަހަތަށް އުތުރުން ތާއީދު ކުރައްވާ ކަމަށް ވެސް ކިމް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ސަބަބެއް ނެތި ހަނގުރާމަ ކުރާ ބަޔަކަށް އުތުރު ނުވާނެ ކަމަށެވެ.
އުތުރު ކޮރެއާ އަކީ ވެސް މިނިވަން ގައުމެއް ކަމަށް ވިދާޅުވެ ކިމް ވިދާޅުވި ގޮތުގައި ދުޝްމަނުންގެ ކިބައިން ރައްކާތެރި ވުމުގެ ކުޅަދާނަކަން އުތުރަށް ވެސް އޮންނަން ޖެހެ އެވެ.