ހަބަރު

ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތް ނިންމައިފި، ކިޔަވައިދޭން ފަށަނީ

ވެލާނާގެއާ އިންވެގެން އޮންނަ ބިމުގައި އެޑިއުކޭޝަން މިނިސްޓްރީން އަޅަން ފެށި ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތް އަޅައި ނިންމާލައިފި އެވެ.

މީގެ އަހަރެއް ކުރިން ދަރުމަވަންތަ ސްކޫލުގެ ކުދިން ކިޔެވުމަށް، ވެލާނާގޭ ދެކުނުން އޮންނަ 32،000 އަކަ ފޫޓުގެ ބިމުގައި ވަގުތީ އިމާރާތެއް އެޅުމުގެ މަސައްކަތް އެޑިއުކޭޝަނުން ފެށީ އެ ސްކޫލުގެ އަސްލު އިމާރާތް ބާވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުގެ ސަބަބުންނެވެ. ވަގުތީ އިމާރާތަށް ކުދިން ބަދަލުކުރަނީ އެ ސްކޫލް މިހާރު ހުރި ތަނުގައި އާ ސްކޫލެއް އެޅުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެކްޒެކެޓިވް، އިބްރާހިމް އިސްމާއިލް ވިދާޅުވީ، ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް މިހާރު އަޅައި ނިމިފައިވާ ކަމަށެވެ. އުމްރާނީ ހުރިހާ މަސައްކަތެއް ކޮށް ނިމިފައިވާތީ މިހާރު އެތަނުގައި ކުރިއަށްދަނީ ރޫމްތައް ސާފުކޮށް، މައި ސްކޫލުގައި ހުރި ތަކެތި އެ ރޫމް ތަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ މިއަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލް އެއްކޮށް ސާފުކޮށް، ހުރިހާ ތަކެއްޗެއް އެތަނަށް ބަދަލުކޮށް މުޅިން ނިމޭނެ ކަމަށެވެ. އާ އިމާރާތަށް ކުދިން ބަދަލުކޮށް ކިޔަވައިދޭން ފެށުމުގައި ހުރެދާނެ ބައެއް ދަތިތަކަށް އިޝާރާތްކުރައްވައި އިބްރާހިމް ވިދާޅުވީ، ވަގުތީ އިމާރާތަކީ ކުޑަ ބިމެއްގައި އަޅާފައިވާ އިމާރާތެއް ކަމުން ބައެއް ކަންކަމުގައި އުނދަގޫ ވާނެ ކަމަށެވެ. ނަމަވެސް ކިޔަވައިދިނުމާއި ގުޅޭ އެއްވެސް ކަމެއްގައި ދައްޗެއް ކުރިމަތި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަރުމަވަންތަ ކުދިން މިހާތަނަށް ކިޔަވަމުން އައީ ވަރަށް ބޮޑު ސްކޫލެއްގައި. އެކުދިން ހެލިފެލިވެ އުޅޭނެ ބޮޑު ޖާގައެއް އޮވޭ އެ ސްކޫލްގައި. މިތަން އެހެނެއް ނުވާނެ. މިއީ ކުޑަ ކުޑަ ތަނެއް. ހުސް ޖާގައެކޭ ބުނާ ވަރުގެ އެންމެ ތަންކޮޅެއް ވެސް ނެތް. އެކަމަކު ހޯލެއް ވެސް އޮންނާނެ. އެހެންވީމަ ޕީއީ ފަދަ ގަޑިތަކުގައި އެތަންވެސް ބޭނުންކުރެވޭ ގޮތަށް އަޅުގަނޑުމެން ނިންމާފައި އޮތީ،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖާގަ ބޮޑު ނޫނަސް، ދަށް ގްރޭޑް ތަކުގެ ކުދިން ކުޅެން ބޭނުންވާ ޖާގަ އެތާނގައި އެބައޮތެވެ. އެފަދަ ހަރަކާތްތަކަށް ސްކޫލްގެ މައި ހޯލުވެސް ބޭނުންކުރާނެ އެވެ.

ވަގުތީ ދަރުމަވަންތަ ސްކޫލަކީ 25 ކްލާސްރޫމް ހިމެނޭ ތިން ބުރީގެ އިމާރާތެކެވެ. އެތާނުގައި ތިން ލެބް ގާއިމްކޮށްފައިވާއިރު އިދާރީ ބައެއް ވެސް ހިމެނެ އެވެ. ޖުމްލަ 28 މިލިއަން ރުފިޔާއަށް އެތަން އަޅައި ނިންމީ މާރިސް ކޮންސްޓްރަކްޝަނުންނެވެ.

ދަރުމަވަންތަ ސުކޫލުގެ ގޮތުގައި މިހާރު ބޭނުންކުރާ އިމާރާތްތަކަކީ އަކިރިއާއި ލޮނުވެލިން މީގެ 24 އަހަރު ކުރިން ހަދާފައިވާ ސްކޫލެކެވެ. އެހެންކަމުން ސުކޫލުގެ ބައެއް ކުލާސްރޫމް ތަކުގައި ރެނދުލާފައިވާއިރު އެ އިމާާރާތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ. ވަގުތީ އިމާރާތަށް ކުދިން ބަދަލުކޮށް ނިމުނުހާ އަވަހަކަށް އެ ސްކޫލުގެ އިމާރާތްތައް ތަޅާލައި އެތަނުގައި އާ ސްކޫލެއް އަޅާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ. އެކަމަށް ދެ އަހަރު ވަރު ހޭދަވާނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެ އެވެ.