އީވާ އަބްދުﷲ

އީވާގެ މެސެޖު: ހަދާނެ އެއްޗެއް ހަދަންވީ

Jun 14, 2022
3

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހެޅޭ މައްސަލަތަކުގައި ބަހުސްކޮށްގެން ގޮތް ނިންމަން ފުރުސަތު ނުދީ ނެރޭ ވިޕްލައިނަކަށް ތަބާނުވެގެން "ހަދާނެ އެއްޗެއް ހަދަންވީ" ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕަށް ފޮނުއްވި މެސެޖެއްގައި އީވާ ވިދާޅުވީ މައްސަލަތަކުގައި ގޮތް ނިންމަންވާނީ ބަހުސްކޮށްގެން ކަމަށެވެ. އެއީ ޕާޓީގެ ތެރޭގައި ވިޔަސް ނުވަތަ މަޖިލީހުގެ ތެރޭގައި ނަމަވެސް އަމަލުކުރަންޖެހޭނެ ގޮތް ކަމަށެވެ.

އީވާ އިތުރަށް ވިދާޅުވީ ޑިމޮކްރަސީއެއްގައި އެންމެ މުހިއްމީ މެޖޯރިޓީއަށް ތަބާވުން ކަމަށެވެ. އެކަމަކު މައިނޯރިޓީގެ ބަހަށް ޖާގަ ދިނުމަށްޓަކައި މައްސަލަތަކުގައި ގޮތް ނިންމަން ވާނީ މަޝްވަރާކޮށްގެން ކަމުގައި ވިދާޅުވި އެވެ. އެމްޑީޕީގެ ކަމެއްގައި ނަމަވެސް އެ އުސޫލުން އަމަލުނުކުރާނަމަ "އެޅިހާ ބަތަކަށް ރިހަވާކަށް" ނެތިން ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަގައިމުވެސް ބަހުސަށް ޖާގަ ނުދޭ ވިޕްލައިނަކަށް ތަބާވާކަށް ބޭނުމެއް ނޫން. ހަދާނެ އެއްޗެއް ހަދާ. އަޅުގަނޑު އިންތިހާބު ކުރީ ބަހުސްކުރަން." އީވާ ވިދާޅުވެފައިވެ އެވެ.

ވިޕްލައިނާ ގުޅޭގޮތުން އީވާ ވާހަކަދައްކަވާފައި މިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ވަކި ގޮތަކަށް އަމަލުކުރުމަށް ވިޕްލައިން ނެރެފިނަމަ އެ ނިންމުމާ އެއްގޮތަށް އެމްޑީޕީގެ 65 މަޖިލިސް މެންބަރުން ވެސް އަމަލުކުރަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޕީޖީގައި ހިމެނޭ ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވާތީ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް ހުސައން ޝަމީމް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އަގުލަބިއްޔަތުން އިއްޔެ ނިންމުމާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުންތަކެއް އުފެދިފަ އެވެ.

ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ޕީޖީ ގުރޫޕުން ގޮތް ނިންމީ އެ މައްސަލައިގައި ފުޅާދާއިރާއެއްގައި ކުރަންޖެހޭ މަޝްވަރާތައް ނުކޮށް ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޝްވަރާ ނުކޮށް ގޮތް ނިންމާ މައްސަލަތަކުގައި ވިޕްލައިނާ އެއްގޮތަށް ވޯޓު ނުދެއްވާނެ މެންބަރުންގެ ލިސްޓެއް ރައީސް ނަޝީދު އިއްޔެ ވަނީ އެކުލަވާލައްވާފަ އެވެ. އެ ލިސްޓްގައި ރައީސް ނަޝީދާ އެކު 19 މެންބަރުން ހިމެނެ އެވެ. މައިގަނޑު ގޮތެއްގައި ލިސްޓްގައި ތިއްބެވީ ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނެވެ.