މޯލްޑިވްސް ޕޮލިސް ސާވިސް

ވަޒީރުންތަކެއްގެ ކާރުގައި "އިންޑިއާ އައުޓު" ޖެހި މީހަކު ހައްޔަރުކޮށްފި

Jun 14, 2022

ވަޒީރުންތަކެއްގެ ކާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.

ސުޕްރޭކޮށްގެން އިންޑިއާ އައުޓް ޖަހާފައިވަނީ ވެލާނާގެ ޕާކިންގައި އޮތް ތިން ވަޒީރެއްގެ ކާރުގަ އެވެ.

ފުލުހުން ބުނީ މައްސަލައިގައި ތުހުމަތުކުރެވޭ 30 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.

އިންޑިއާ އައުޓް ޖަހާފައިވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ކާރުކޮޅުގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީ އޮންނަ ޕާކިން ޒޯންގައި ބާއްވާފައި އޮތް ކާރެއްގައިވެސް އިންޑިއާ އައުޓް ޖަހާފައިވެ އެވެ.

މާލޭގެ ބައެއް އިމާރާތްތަކާއި މަގުތަކުގައި އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދިރިއުޅުއްވާ ގޭގެ ދޮރުފަތުގައި އިންޑިއާ އައުޓް ޖެހި މީހުން ވެސް މީގެކުރިން ހައްޔަރުކޮށްފައިވެ އެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވާ އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކަށް އަންގަވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފަ އެވެ.