ޕީޕީއެމް

ޔޯގާ ހަމަނުޖެހުންތަކުގައި ހައްޔަރުކުރި މީހުންގެ ދިފާއުގައި އެއްވަނީ

Jul 14, 2022

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވާ، ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން މިނިވަންކުރުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީން އިހްތިޖާޖެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޕީޕީއެމްގެ އޮފީސް ކުރިމަތިން "މިނިވަންކުރޭ" އިހްތިޖާޖު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.

ޕީޕީއެމް އިން ބުނީ މި އިހްތިޖާޖަކީ އަދުލު އިންސާފުގެ ދާއިރާ ބަޔަކު ހިސޯރުކޮށްފައިވާތީ އިންސާފު ނުލިބޭނެ ހާލަތެއް އޮތުމުން ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށާއި ކުށެއް ނެތް ބަޔަކު ހައްޔަރުކޮށްފައިވާތީ އެ މީހުން މިނިވަންކުރަން ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރީ ޔޯގާއާ ގުޅުން ހުރި ކުފުރުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓުވަން އިސްލާމިކް މިނިސްޓްރީން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައިވަނިކޮށެވެ.

ޔޯގާ އަކީ މުސްލިމުންނަށް ހަރާމް ކަމެއް ކަމަށް އިސްލާމީ ބޮޑެތި ގަައުމުތަކުން ނެރެފައިވާ ފަތުވާތައް ހިމަނައިގެން ފޮނުވި އެ ސިޓީ އަކީ ޔޯގާ ހަރަކާތް ބޭއްވުމުގެ ފަސް ދުވަސް ކުރީން މިދިޔަ މަހުގެ 16 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފޮނުވާފައި އޮތް ސިޓީއެކެވެ.

އެ ސިޓީ އާންމުވުމުގެ ކުރީން ޔޯގާ ހަރަކާތް އޮތް ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ކުށްވެރިކޮށް އިސްލާމިކް މިނިސްޓްރީން ދިޔައީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ޔޯގާއަކީ މުންކަރާތެއް ކަމަށް ބަޔާން ކުރާންވެސް ކެރިވަޑައިނުގަތެވެ. ސިޓީ އާންމުވުމުން އެއީ އޮޅުމެއްގެ ތެރެއިން ފޮނުވިފައިވާ ސިޓީއެއް ކަމަށް ފަހުން ބުންޏެވެ. އަދި އެ ސިޓީ ފޮނުވީ ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވަން ނޫން ކަމަށް ބުނެ ބަޔާނެއްވެސް ނެރުނެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރި ނަމަވެސް އޭގެތެރެއިން މަދު މީހަކު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ދޫކޮށްލި މީހުންގެ ތެރޭގައި ދީނީ ދެ އިލްމުވެރިން ނުހިމެނެ އެވެ. އަދި ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވެސް ދޫކުރި މީހުންގެ ތެރޭގައި ނުހިމެނެ އެވެ.