ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެކި ރަށްތަކުގައި ޕޮލިސް ސްޓޭޝަން އެޅުމަށް ހަވާލުކުރި އިންޑިއާގެ އިންދިރާ ޕްރޮޖެކްޓް ޖޮއިންޓްވެންޗާ ކުންފުންޏަށް ދިވެހި ސަރުކާރުން ޖަމާކުރި ކަމަށް ބުނާ 3.6 މިލިއަން ޑޮލަރަށް ވީގޮތެއް އެނގިފައި ނުވާތީ އެ މައްސަލަ ބަލަން ފަށައިފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން މިމަޝްރޫއުގެ ދަށުން 61 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމަށް ހަވާލުކުރީ 41.18 މިލިއަން ޑޮލަރަށް ކަމަށެވެ.
މިމަސައްކަތް އޮގަސްޓް 16، 2019 ގައި އިންދިރާއާ ހަވާލުކޮށްފައި އޮތީ މަޝްރޫއުގެ 15 ޕަސަންޓް ދިވެހި ސަރުކާރުން އަދި އިންޑިއާގެ އެގްޒިމް ބޭންކުން 85 ޕަސެންޓް ފައިސާ ދައްކާ ގޮތަށެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި އެގްޒިމް ބޭންކުން ފައިސާ ދެވެން ނެތް ކަމަަށް އަންގާފައިވާ ކަމަށާއި އެކަމަކު ހިލޭ އެހީގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފައި އޮތް ކަމަށެވެ. މިއެންގުމުގެ މާކުރިން ދިވެހި ސަރުކާރުން އެ ކުންފުންޏަށް އެޑްވާންސް ފައިސާ ދޫކޮށްފައިވާކަން އެނގެން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ. އެޑްވާންސް ފައިސާގެ ގޮތުގައި ދައްކާފައިވަނީ 3.6 މިލިއަން ޔޫއެސް ޑޮލަރެވެ.
މިނިސްޓަރު ވިދާޅުވީ އިންދިރާ ޕްރޮޖެކްޓް، އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީ ކިޔާ ޕާޓްނާ ޝިޕަކަށް ފަހުން ބަދަލުކޮށް އޮކްޓޫބަރު 12، 2022 ގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އޭގެފަހުން ދިވެހި ސަރުކާރުން މުއާމަލާތްކޮށްފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏާ ކަމަށެވެ.
"މި ކުންފުންޏަކީ ރާއްޖެއަށް ބޭރުން ފައިސާ ގެނެސްގެން ޕޮލިސް ސްޓޭޝަންތައް އަޅައިދޭން އެ ނަމުގައު އައި ކުންފުންޏެއް. އެކަމަކު ކުންފުންޏަށް ފުރަތަމަ ފައިސާ މި ދައްކަނީ ސަރުކާރުން. އެއީ 3.6 މިލިއަން ޑޮލަރު،" މިނިސްޓަރު ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ފައިސާގެ މައްސަލަތައް ދިމާވި ފަހުން ދިވެހި ސަރުކާރުން އިންދިރާ ކުންފުންޏާ މުއާމަލާތް ކޮށްފައި ނުވާ ކަމަށެވެ. މިމައްސަލަ އޮގަސްޓް 24، 2023 ގައި ފިނޭންސް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައި އޮތް ކަމަށްވެސް މިނިސްޓަރު ޔަގީންކޮށްދެއްވި އެވެ. އިންދިރާ ކުންފުނީގެ ޖޭވީ ރޫޅިފައިވާ ކަމަށްވެސް ދިވެހި ސަރުކާރަށް ފަހުން އަންގާފައިވާ ކަމަށާއި އެހެންވެ އެ ކުންފުންޏާ މުއާމަލާތް ކުރާނެ އެއްވެސް ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
"މިމަޝްރޫއުގެ އެއްވެސް މަސައްކަތެއްވެސް މިހާތަނަށް ކުރިއަށް ގޮސްފައެއް ނެތް،" އިހްސާން ވިދާޅުވި އެވެ.