މޯލްޑިވްސް ޕޮލިސް ސާވިސް

ޑީސީޕީގެ މަގާމަށް ފަރުހާދާއި ނަވީން

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން މިއަދު އައްޔަން ކުރައްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަރުހާދު އާއި ނަވީންއަށް މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓާ އަލީ އިހްސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ފުލުހުންގެ ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފަރުޙާދު ފިކުރީ ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ މާޗް 30، 1991 ގައެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ފަރުހާދު ހުންނެވީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިން ހެޑްގެ މަގާމު ގައެވެ.

އިސްމާއީލް ނަވީން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ ޖުލައި 7، 1994 ގައެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 29 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑައިރެކްޓްރޭޓްގެ މަގާމު ގައެވެ.