ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޝަމީމަށް ދިން ހަމަލާ މާނަކުރި ގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް ރައީސް ސޯލިހަށް އަންގަވައިފި

ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމަށް ބަޔަކު މިއަދު ހަމަލާދިނީ ސިޔާސީ ގޮތުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުލޫމާތު ހިއްސާކުރެއްވުމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން އެދިވަޑައިގެންފި އެވެ.

ޕީޖީ ޝަމީމަށް ދިން ހަމަލާ ކުށްވެރިކުރައްވާ ކުރީގެ ރައީސް ސޯލިހް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަމީމަށް ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރަށް ގޮވާލާފަ އެވެ. އަދި ޝަމީމަށް އަވަސް ޝިފާއަކަށްވެސް ރައީސް ސޯލިހް އެދިވަޑައިގެންފައިވެ އެވެ.

އޭގެފަހުގައި ރައީސް ސޯލިހް ވިދާޅުވީ "ސިޔާސީ ގޮތުން ހިންގާ ޖަރީމާތަކަށް" ޑިމޮކްރެޓިކް ވެއްޓެއްގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.

ކުރީގެ ރައީސް ސޯލިހްގެ ޕޯސްޓަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ޕީޖީ ޝަމީމަށް ދިން ހަމަލާ ފުލުހުންގެ އިދާރާ އިން ތަހުގީގުކުރަމުންދާ ކަމަށެވެ.

އިހްސާން ވިދާޅުވީ ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ "ސިޔާސީ ގޮތުން" ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް ސޯލިހް ވިދާޅުވެފައިވާތީ އެކަމުން ދޭހަވަނީ އެމަނިކުފާނުގެ އަޕްޅުގައި ހަމަލާގެ ފަހަތުގައި އޮތް މަގުސަދާއި އަދި ހަމަލާ ދިން މީހުންނާ ގުޅޭ އިތުބާރު ހުރި މައުލޫމާތުތަކެއް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"[އެމަނިކުފާނުގެ އަރިހުގައި] އަޅުގަނޑު އެދެން މިތަނުގައި އިޝާރާތް ކުރައްވާފައިވާ އިތުބާރު ހުރި މައުލޫމާތު ފުލުހުންނާ ވަގުތުން ހިއްސާ ކޮށްދެއްވުމަށް،" އިހްސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހް ވިދާޅުވި ވާހަކަތަކާ ގުޅިގެން އެމަނިކުފާނުގެ އޮފީހާ ގުޅައިގެން މައުލޫމާތު ހޯއްދެވުމަށް މައްސަލަ ތަހުގީގުކުރައްވާ ބޭފުޅުންނަށްވެސް އަންގަވާފައިވާނެ ކަމަށެވެ.

އިހްސާން އިތުރަށް ވިދާޅުވީ ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ އެންމެ އިސްކަމެއްދޭ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.