ކަރަން ޖޯހަރް އަކީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ހިންދީ ފިލްމު އިންޑަސްޓްރީގައި އޭނާ ދެކެ ލޯބިވާ އޭނާގެ އެހީތެރިކަން ބޭނުންވާ އަދި އޭނާ އެހީތެރިވާ އެތައް ފަންނާނުންނެއް އެބަތިއްބެވެ. ފިލްމީ ރޮނގުން ކަރަންގެ ކާމިޔާބީތައް ކިތަންމެ ގިނަޔަސް ޒާތީ ދިރިއުޅުމުގައި މިހާރަށް ވުރެ ކާމިޔާބު މީހަކަށް ވާން ކަރަން ވަރަށް ބޭނުންވެއެވެ.
އޭނާ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނީ އަމިއްލަ ދިރިއުޅުމާމެދު މިހާރަށް ވުރެ ބޮޑަށް ފޯކަސް ކުރެވުނު ނަމައޭ ހިތަށް އަރަ އެވެ. ނަމަވެސް މިހާރު ދެން އެކަމާ ހިތާމަކުރިޔަސް ކުރާނެ ކަމެއް ނެތް ކަމަށާއި ހަޔާތުގެ ބައިވެރިޔަކު ހޯދަން މިހާރު މާ ލަސްވެއްޖެ ކަމަށް ގަބޫލުކުރާ ކަމަށް ކަރަން ބުންޏެވެ.
"މިހާރު ހިތަށް އަރާ ޒާތީ ދިރިއުޅުމަށް ތަންކޮޅެއް ބޮޑަށް ފޯކަސް ކުރެވުނު ނަމައޭ. އަހަންނަކަށް ހިއެއް ނުވޭ އެކަން އަހަންނަށް ކުރެވުނު ހެނެއް. ނަމަވެސް ބައްޕައަކަށް ވެވުނުކަން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެ ފިޔަވަޅު އެޅުނުކަމަށްޓަކައި ކަލާންގެއަށް ޝުކުރު ދަންނަވަން. ދަރިން ހޯދީ މީގެ ފަސް އަހަރު ކުރިން ކަމަށްވާއިރު އެއަށްވުރެ ކުރިން އެކަންވެސް ކުރެވުނު ނަމައޭ މިހާރު ހިތަށް އަރާ. ޕްރޮޑިސަރެއްގެ ގޮތުގައި ކުރިއެރުމަށް ކުރި މަސައްކަތުގަޔާއި އެހެން މީހުންނާ ގުޅުން ރަނގަޅުކުރަން މަސައްކަތް ކުރުމުގައި ހޭދަކުރި ގިނަ ވަގުތުތަކުގެ ސަބަބުން ޒާތީ ދިރިއުޅުމުގެ ކަންތައް އޮތީ ފަހަތަށް ޖައްސާލެވިފައި،" ކަރަން ބުންޏެވެ.
ދާދިފަހުން 50 ވަނަ އުފަން ދުވަސް ފާހަގަކުރި ކަރަން ދުވަހަކު ވެސް ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ. އޭނާއަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރި އެވެ. ބައްޕަ މަރުވެ މަންމަ އެކަނި މާއެކަނި އޭނާއާއެކު އުޅެމުން ދަނިކޮށް ސަރަގޭޓް މަންމައެއް މެދުވެރިކޮށް ދަރިއަކު ހޯދަން ކަރަން ގަސްތުކުރީ އޭނާގެ މަންމަގެ އެކަނިވެރިކަން އިހްސާސް ކުރެވިގެންނެވެ. އެގޮތުން ސަރަގޭޓް މަންމައެއް މެދުވެރިކޮށް 2015 ގައި ކަރަން ވަނީ އެއްމާބަނޑު ދެބެން ހޯދާފަ އެވެ. އެއީ ފިރިހެން ދަރިފުޅު ޔާޝް އާއި އަންހެން ދަރިފުޅު ރޫހީ އެވެ.