ބޮލީވުޑް

ފަރާ ކައިވެނި ޕްރޮޕޯޒް ކަރަން ޖޯހަރް ގަބޫލެއް ނުކުރި!

ކޯރިއޮގްރާފަރު-ޑައިރެކްޓަރު ފަރާ ޚާން އާއި ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އަކީ ޒަމާނުއްސުރެ ދެ އެކުވެރިންނެވެ. އެމީހުންގެ އެކުވެރި ކަމަށް 25 ވަރަކަށް އަހަރު ވެދާނެ ކަމަށް ފަރާ ބުންޏެވެ. ކަރަން ޑައިރެކްޓަރެއްގެ ގޮތުގައި އުފެއްދި ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގައި ވެސް ފަރާ ކުޑަ ރޯލެއް ކުޅެފައި ވެއެވެ. ނަމަވެސް ވަރަށް ކުރިން ކަރަން އާ ކައިވެނި ކުރަން ބޭނުން ވެގެން ފަރާ އޭނާއަށް ޕްރޮޕޯޒް ކުރިކަން އެނގޭ ހެއްޔެވެ؟

ހޮނިހިރު ދުވަހު 56 ވަނަ އުފަން ދުވަސް ފާހަގަކުރާ ފަރާ ވަނީ މިއީ ހަގީގަތުގައި ވެސް ހިނގި ކަމެއްކަމަށް އެއްބަސްވެފަ އެވެ. ފަރާ ބުނީ އޭނާގެ ޕްރޮޕޯޒަލް އަށް ކަރަން ނޫނެކޭ ބުނީ "ޓެކްނިކަލް މައްސަލައެކޭ" ކިޔާފައި ކަމަށެވެ. ފަހުން ފަރާ ކައިވެނިކުރީ ޝިރިޝް ކުންދަރް އާއެވެ. އެ ދެ މީހުންނަށް އެއްމާބަނޑު ތިން ދަރިން ލިބިފައި ވެއެވެ.

ފަރާގެ ކޮއްކޮ ސާޖިދު ޚާން އާއި އެކްޓަރު ރިތޭޝް ދޭޝްމުކް ހޯސްޓްކުރި ޗެޓް ޝޯ "ޔާރޯން ކީ ބާތު"ގައި ކަރަން އާއި ފަރާ ބައިވެރިވި އެވެ. އަދި މި ޝޯގައި މި ވާހަކަ ދެކެވިފައި ވެއެވެ.

ކަރަން ބުނީ ފަރާ ޕްރޮޕޯސްކުރި ވާހަކައަކީ ތެދެއް ކަމަށެވެ. އަދި އޭނާއާ ރައްޓެހިވާހިތުން އެއް ދުވަސްވަރެއްގައި ފަރާ ވަރަށް އުޅުނު ކަމަށެވެ. ކަރަން ބުނީ ތެދެއް ކަމަށް ފަރާ ވަގުތުން އެއްބަސްވި އެވެ.

"ކުޗް ކުޗް ހޯތާ ހޭ"ގެ ޝޫޓިންގް ސްކޮޓްލެންޑްގައި ކުރިޔަށް ދިޔައިރު އެއްރޭ ދަންވަރު ކަރަން ހުރި ހޮޓަލުގެ ކޮޓަރިއަށް ފަރާ ދިޔަކަމަށް ވެސް ކަރަން ބުންޏެވެ.

"ދަންވަރު އަންހެންކުއްޖަކު ފިރިހެންކުއްޖެއްގެ ކޮޓަރިއަށް އައި އޭނާގެ ކޮޓަރިން ގޯސްޓެއް ފެނިގެން ބިރުންނޭ ކިޔާފަ. އަހަރެންމީ މޮޔައެއްތަ އެ ވާހަކަ ގަބޫލުކުރަން،" ކަރަން ބުންޏެވެ.

ފަރާ ބުނީ ހަމަ ހަގީގަތުގައި ވެސް އޭނާ ކަރަން އަށް ޝައުގުވެރިވެގެން ޕްރޮޕޯސްކުރި ކަމަށެވެ. ފަރާ މިހެން ބުނުމާއެކު ކަރަން ހިނިގަނޑެއް ޖަހާލާފައި "ޓެކްނިކަލް މައްސަލައެއް ދިމާވިއްޔޭ،" ބުންޏެވެ.

"ޓެލެވިޒަންގެ ޓަވަރު ވެސް މަސައްކަތް ކޮށްގެން ނޫނީ ޓީޥީ އަކުން މަންޒަރެއް ނުފެންނާނެ. އެހެންވެ އަހަރެން ބުނީ ހިނގާށޭ ޓީވީ ނިއްވާލަމާ،" ނޫނެކޭ ބުނި ސަބަބު ވަރަށް މާނަފުންކޮށް ކިޔައިދެމުން ކަރަން ބުންޏެވެ.

ފިލްމީ މަސައްކަތަށް ބަލާއިރު ފަރާ ތައްޔާރުވަމުން ދަނީ އެކްޝަން-ކޮމެޑީއެއް އުފެއްދުމަށެވެ. މި ފިލްމު ޕްރޮޑިއުސްކުރާނީ ރޯހިތު ޝެޓީ އެވެ. ބޮލިވުޑް ބައެއް ޚަބަރުތައް ބުނާ ގޮތުގައި މިއީ 1982ގައި އަމީތާބު ބައްޗަން ކުޅުނު ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ސައްތޭ ޕެ ސައްތާ"ގެ ރިމޭކް އެކެވެ. ނަމަވެސް ފަރާ އާއި ރޯހިތު މި ކަން ޔަގީންކޮށެއް ނުދެ އެވެ.

ފަރާ ބުނީ ރޯހިތު އަކީ އެއްބަނޑު އެއްބަފާ ބޭބެއެއްގެ ގޮތުގައި އަބަދުވެސް ދެކޭ ކަމަށާއި އެ ދެމީހުންގެ ގުޅުން އެހާ ވެސް ގާތް ކަމަށެވެ. އެހެންވެ އެ ދެ މީހުން ގުޅިގެން އުފައްދާ ފިލްމުވެސް ވަނީ ހުރިހާ ފިލްމުތަކެއްގެ މަންމައަށް ކަމުގެ ޔަގީންކަން ދޭކަމަށެވެ.