ބޮލީވުޑް

ވަރުން ކައިވެނި ކުރުމުން ކަރަން ޖޯހަރް އުފަލުން

މިދިއަ އާދީއްތަ ދުވަހު އިންޑިޔާގެ އަލީބާގުގައި އޮތް ރަސްމިއްޔާތެއްގައި ބޮލީވުޑް އެކްޓަރު ވަރުން ދަވަން އޭނާގެ ޒަމާންވީ ލޯބިވެރިޔާ ނަތާޝާ ދަލާލް އާ ކައިވެނި ކުރުމުން އެކަމާ އެންމެ އުފާވެ އަދި އަސަރުކުރީ ވަރުން ބޮލީވުޑަށް ތައާރަފް ކޮށްދިން ޕްރޮޑީއުސަރު - ޑައިރެކްޓަރު ކަރަން ޖޯހަރެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ވަރުން ބޮލީވުޑަށް ލޯންޗު ކޮށްދިން ކަރަން ވަރަށް އަސަރުގަދަ ނޯޓެއް މި މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ޝެއާ ކުރި އެވެ. ކަރަން ބުނި ގޮތުގއި ވަރުން އަކީ އޭނާގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އޭނާގެ "ދަރިފުޅު" ބޮޑުވެ ކައިވެނިކޮށްފި ކަމަށް ކަރަން ބުނެފައި ވެއެވެ.

ވަރުން އާއި ނަތާޝާގެ ކައިވެނީގެ ފޮޓޯއަކާއެކު ކަރަން އިންސްޓަގްރާމްގައި ޝެއާކުރި މެސެޖުގައި ހަމަ މި ރަސްމިއްޔާތުގައި ވަރުން އާއެކު އޭނާ ނަގާފައިވާ ފޮޓޯއެއް ވެސް ޝެއާ ކުރި އެވެ.

ކަރަން ލިޔެފައިވާ ގޮތުގައި އޭނާގެ ހިތުގައި ތަފާތު އެތަކެއް ޝުއޫރުތަކެއް މިވަގުތު އުފެދިފައި ވެއެވެ.

"އަހަރެން ހަނދާން އެބަހުރި ފުރަތަމަ ފަހަރަށް ވަރުން އާ ގޯއާގައި ބައްދަލުވީ ދުވަސް. ދިގު އިސްތަށިގަނޑެއް ލާފައި އޭރު އޭނަ ހުންނަނީ. ލޮލުގައި ވަރަށް ވަރަށް ބޮޑެތި ހުވަފެންތަކެއް. ފިލްމީ ދުނިޔެއަށް ވަންނަން ކެތްމަދުވެފަ ހުރި ޒުވާނެއް. އޭގެ އަހަރުތަކެއް ފަހުން އޭނާ އަހަރެންގެ އެސިސްޓެންޓެއްގެ ގޮތުގައި 'މައި ނޭމް އިޒް ހާން' ގައި މަސައްކަތްކުރި. އަހަރެން އޭރުއްސުރެ އޭނަ އުޅޭ ގޮތް އޮބްޒާވް ކުރަމުން ދިޔައިން. އޭނަ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި އަޒުމް އަދި މަޖާ މިޒާޖު އަހަންނަށް ފާހަގަ ކުރެވުނު،" ފުރަތަމަ ފަހަރަށް ގޯއާ އިން ވަރުން އާ ބައްދަލުވީ ދުވަހުގެ ހަނދާން އާ ކުރަމުން ކަރަން ލިޔެފައި ވެއެވެ.

ކަރަން ވަނީ ވަރުން ފުރަތަމަ ފަހަރަށް ކެމެރާ އާ ކުރިމަތިލީ ދުވަހުގެ ތަޖުރިބާ ވެސް ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި އެ ދުވަހު އޭނާއަށް ބައްޕައަކަށް ދަރިއަކާ ދޭތެރޭ ކުރެވޭ ކަހަލަ އިހްސާސްތަކެއް ވަރުން އާ ދޭތެރޭ ކުރެވުނެވެ. އަދި ވަރުން އެންމެ ލޯބިވާ އަންހެންކުއްޖާ އާއެކު ކައިވެނީގެ ގުޅުމުން ގުޅުނުތަން ފެނިފައި އޭނާއަށް ބަޔާން ކުރަން ދަތި އުފަލެއް އިހްސާސްވީކަމަށް ވެސް ކަރަން ބުނެފައި ވެއެވެ.

ކަރަން ހިމެނެނީ ވަރުން އާއި ނަތާޝާގެ ކައިވެނީގެ ރަސްމިއްޔާތަށް ދައުވަތުދީ އެ ރަސްމިއްޔާތުގައި ބައިވެރިވި ބޮލީވުޑް މަދު ފަންނާނުންގެ ތެރޭގަ އެވެ. ނަމަވެސް ދެ ދުވަހެއް ފަހުން ބާއްވާ ކައިވެނީގެ ރިސެޕްޝަނަށް ބޮލީވުޑް ގިނަ އަދަދެއްގެ މީހުންނަށް ދައުވަތު ދީފައިވާ ކަމަށް ވެއެވެ.