ލައިފްސްޓައިލް

ކަރުގައި މޯމޯސްއެއް ތާށިވެ މީހަކު މަރުވުމުން ހޮސްޕިޓަލުގެ އިންޒާރު

އިންޑިއާގެ ސްޓްރީޓް ފުޑްސްގެ ތެރެއިން މިހާރު އެންމެ މަގްބޫލުވެގެން އުޅޭ އެއް ކާނާއަކީ މޯމޯސް އެވެ. ސްޓީމް ކޮށްގެންނާއި ތެލުލައިގެން ވިޔަސް ތަރުކާރީ އަޅައިގެންނާއި ތަރުކާރީ ނާޅާވިޔަސް އަދި ތަންދޫރީ އާއި އެނޫން ގޮތްގޮތަށް ތައްޔާރު ކޮށްފައި ހުއްޓަސް އެންމެން ވެސް މިހާރު އެންމެ މީރުވެގެން ކަނީ ހަމަ މޯމޯސް އެވެ. ނަމަވެސް ދާދިފަހުން ހިނގި ހާދިސާއަކަށް ފަހު ބައެއް މީހުން މޯމޯސް ކެއުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާނެ ކަމަށް ލަފާ ކުރެވެ އެވެ.

އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް) އިން ނެރެފައިވާ އެޑްވައިޒަރީ އެއްގައި މޯމޯސް ކެއުމުގައި ފަރުވާތެރިވުމަށް އިންޒާރު ދިނުމާ ގުޅިގެންނެވެ.

އެއިމްސް އިން އެޑްވައިޒަރީ ނެރެފައިވަނީ މޯމޯސް ކަނިކޮށް އޭގެ ބައެއް ކަރުގައި ތާށިވެގެން ނޭވާ ނުލެވި 50 އަހަރުގެ ފިރިހެނަކު މަރުވުމާ ގުޅިގެންނެވެ.

އެއިމްސްގެ އެޑްވައިޒަރީގައި ބުނެފައިވަނީ "އެންމެންވެސް މޯމޯސް ދިރުވަން ވާނީ ފަރުވާ ބަހައްޓައިގެން" ކަމަށެވެ.

އެއިމްސްގެ ފޮރެންސިކް އެކްސްޕާޓުން ވަނީ މޯމޯސް ކަނިކޮށް އެ ކަރުގައި ތާށިވެ ފިރިހެންމީހާ މަރުވާން ދިމާވި ސަބަބު ހޯދާފަ އެވެ.
ދިއްލީގައި ހުރި އެއިމްސް ހޮސްޕިޓަލަށް މި ފިރިހެންމީހާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ވެއެވެ. މި ފިރިހެންމީހާ އަކީ ދިއްލީގެ މަގެއް މަތީގައި ހުރި ކުޑަ ސްޓޯލެއް ކައިރީގައި ހުރެގެން މޯމޯސް ކޭ މީހެކެވެ. މި މީހާ މޯމޯސް ކޭއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެއެވެ. އެމީހާ މޯމޯސް ކަނިކޮށް ކުއްލިއަކަށް ހޭނެތިގެން ބިންމައްޗަށް ވެއްޓުނީ އެވެ.

މި މީހާގެ ޕޯސްޓް-މޯޓަމް ރިޕޯޓުގައިވާ ގޮތުން އޭނާގެ ކާއެއްޗެތި ދަތުރުކުރާ ހޮޅީގެ ފެށޭ ހިސާބުގައި މޯމޯސް އެއް ތާށިވެފައި އިނެވެ. މި މީހާ މަރުވި ސަބަބެއް ކަމަށް އެ ރިޕޯޓުގައި ލިޔެފައިވަނީ މޯމޯސް ތާށިވެފައި އިނދެގެން ނޭވާ ނުލެވި ނިއުރޯޖެނިކް ކާޑިއެކް އެރެސްޓް އަކަށް ގޮސްގެން ކަމަށެވެ. މިއީ މަދުން ނޫނީ އަދި ދިމާވެފައިވާ ކަމެއް ނޫންކަމަށް ޖާނަލް އޮފް ފޮރެންސިކް އިމޭޖިންގެ އެންމެ ފަހުގެ އެޑިޝަންގައިވާ ރިޕޯޓެއްގައި ފާހަގަ ކޮށްފައި ވެއެވެ.

މޯމޯސް އާ ހެދި ދާދިފަހުން މުމްބައިގެ މަގެއް މަތީގައި ދެ ގްރޫޕެއްގެ މެދުގައި ވަރުގަދަ ތަޅާފޮޅުމެއް ވެސް ހިނގާފައި ވެއެވެ. އެހާވެސް އިންޑިއާގައި މިހާރު މޯމޮސް މަޝްހޫރުވެފައި ވެއެވެ.