ލައިފްސްޓައިލް

ފުރަތަމަ ފަހަރު ލޮލަށް ފެންނަން ފެށުމުން ކުރި އަސަރު

މެޑިކަލް ސައިންސް ތަރައްގީ ވެފައިވާ ވަރުން މީގެ ކުރިން ރަނގަޅުވާނެ ކަމަށް އުންމީދު ނުކުރާ ބަލިތައް މިހާރު އެބަ ރަނގަޅު ކުރެވެ އެވެ. އުންމީދު ގެއްލިފައިވާ ބައެއް މީހުންނާއި ކުދިންނަށް ވެސް މިހާރު ޑޮކްޓަރުން އާންމީދާއި އުފާތައް ހޯދައިދެ އެވެ.

އުފަންވީއިރު ވެސް ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މި ކުޑަ އަންހެން ކުއްޖާ އަކީ ވެސް މެޑިކަލް ސައިންސް ކުރިއަރާފައިވާ ވަރު ރަމްޒުކޮށްދޭ މިސާލެކެވެ.

މި ކުއްޖާގެ މުޅި ދުނިޔެ މިހާ ތަނަށް އޮތީ ކަޅު އަނދިރިކަމުގެ ތެރޭގަ އެވެ. ނަމަވެސް އެކަން މިހާރު ވަނީ މުޅިން ބަދަލުވެ އޭނާއަށް ދުނިޔޭގެ ކުލަތަކާއި ގާތް ތިމާގެ މީހުންގެ ސިފަ ލޮލުން ދުށުމުގެ ނަސީބު ލިބިފަ އެވެ.

ޓުވިޓާގައި އިއްޔެ މީހަކު ޝެއާކޮށްފައިވަނީ މި ކުއްޖާގެ ލޮލުގެ ޓްރާންސްޕްލާންޓް ހެދުމަށްފަހު ފުރަތަމަ ފަހަރަށް އޭނާގެ މަންމަ ލޮލުން ދުށުމުގެ ނަސީބު ލިބުމުން ކުރެވުނު އިހްސާސްތަކެވެ. މިއީ އެތައް އަހަރެއް ކުރީގެ ވީޑިއޯ އެއް ނަމަވެސް މި ވީޑިއޯ ޝެއާ ކުރުމުން އެތައް މިލިއަން ބައެއްގެ ސަމާލުކަން މި ވީޑިއޯ އަށް ލިބުނީ އެވެ.

ވީޑީއޯ ބެލި ބައެއް މީހުން މި ކުއްޖާގެ މިހާރުގެ ހާލަތު ހުރި ގޮތެއް ބަލާލަން ޝައުގުވެރިވީއިރު ކުއްޖާ ހެޔޮ ހާލުގައި ހުރިކަމަށް އުއްމީދުކޮށް ހެޔޮ އެދުން ފޮނުވި މީހުން ވެސް ގިނަ ކަން ފާހަގަވެ އެވެ.