ލައިފްސްޓައިލް

ނުއަތަށް އެނބުރޭ ގަޑިއަށް އަމަލުކުރާ ބަޔަކު އުޅޭކަން އެނގޭތަ؟

ބްރެޑް ޕިޓްގެ މަޝްހޫރު ފިލްމް "ދަ ކިއުރިއަސް ކޭސް އޮފް ބެންޖަމިން ބަޓްން" ބަލާފައިވާނަމަ ނުއަތަށް އެނބުރޭ ގަޑި ހިނގާ ގޮތް ވަރަށް ރަނގަޅަށް އެނގޭނެ އެވެ.

އެ ފިލްމުގައި ނުއަތަށް އެނބުރޭ ވަރަށް ބޮޑު ގަޑިއެއް ދައްކަ އެވެ. މި ގަޑި ތައްޔާރުކުރަނީ ލޯފަން މީހެކެވެ. އަދި ގަޑި ބަހައްޓާފައި ހުންނަނީ ރޭލް ސްޓޭޝަނެއްގަ އެވެ. ފިލްމުގައި ހިނގާ ހާދިސާތަކާ އެ ގަޑިއާ ވަރަށް ބޮޑަށް އޮންނަނީ ގުޅިފަ އެވެ.

ނުއަތަށް އެނބުރޭ ގަޑިއަކީ ޚިޔާލީ ވާހަކައެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިޔަސް ހަގީގަތުގައި ވެސް ނުއަތަށް އެނބުރޭ ގަޑި ބަލާ އެގަޑިއާ އެއްގޮތަށް ދިރިއުޅޭ މީހުން މަދުން ނަމަވެސް ދުނިޔޭގައި އުޅެ އެވެ.

އަހަރެމެންގެ އަވަށްޓެރި އިންޑިއާގެ ބައެއް އަވަށްތަކުގައި ދިރިއުޅޭ ބައެއް ގަބީލާތަކުގެ މީހުން ވެސް ބޭނުންކުރަނީ ނުއަތަށް އެނބުރޭ ގަޑި އެވެ. އެމީހުންގެ އަތުގައި އަޅައިގެން އުޅޭ ގަޑިވެސް އެނބުރެނީ ނުއަތަށެވެ. އަދި ގޭގޭގައި ބަހައްޓާފައި ހުންނަ ގަޑިވެސް ވެސް އެނބުރެނީ ނުއަތަށެވެ.

ޗައްތީސްގަޅްގެ ބައެއް ގަބީލާތަކުގެ މީހުންނަށް މެންދުރު 12 ޖަހާފައި ދެން ޖަހާނީ 11 އެވެ. މިއީ ގޮންޑް ކޮމިއުނިޓީގެ މީހުން ބަލާ ގަޑިތައް ހިނގާ ގޮތެވެ. އެ މީހުން ގެންގުޅޭ ހުރިހާ ގަޑިތައް ވެސް ހިނގާނީ ފަހަތަށެވެ.

އެމީހުން ބުނާ ގޮތުގައި ދުނިޔެ ވެސް އެނބުރެނީ ނުއަތަށެވެ. ކަނާއަތުން ވައާތަށެވެ. ހަމަ އެގޮތަށް ދުނިޔެ ވަށައިގެން ހަނދު ބުރުއަޅަނީ ވެސް މިގޮތަށް ކަމަށް އެމީހުން ބުނެ އެވެ. ވީމާ ގުދުރަތީ ނިޒާމާ އެއްގޮތަށް އެމީހުން ވެސް ދުނިޔޭގައި އުޅެން ބޭނުންވާތީ ގަޑިތައް ނުއަތަށް އެނބުރޭ ގޮތް ހަދައި އެގޮތަށް ތަބާ ވަނީ ކަމަށް އެމީހުން ބުނެ އެވެ.

ގޮންޑް ކޮމިއުނިޓީތަކުގެ ތެރެއިން މިގޮތަށް ނުއަތަށް އެނބުރޭ ގަޑި ބޭނުންކުރާ އެ އަށް ތަބާވާ 29 ކޮމިއުނިޓީ އެބަ އޮތެވެ. މި 29 ކޮމިއުނިޓީގައި 10،000 ވަރަކަށް އާއިލާ ދިރިއުޅެ އެވެ. މި މީހުން އަޅުކަން ކުރަނީ ދެ ތިން ވައްތަރެއްގެ ގަހަކަށެވެ.

މި މީހުން ކައިވެނިކުރާއިރު އަލިފާންގަނޑު ވަށައިގެން އެނބުރެނީ ވެސް ނުއަތަށެވެ.