ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ބ. ފުޅަދޫއަށް ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
ދިރާގުން މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ފުޅަދޫގެ ރައްޔިތުންނަށް ހާއްސަ އޮފަތަކަކާ އެކު އެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް ހުށަހަޅާ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓާ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ އެވެ.
ދިރާގުން ބުނީ މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.
ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 ޕަސެންޓަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 88 ރަށެއް ހިމެނޭ ކަމަށް ދިރާގުން ބުނެ އެވެ.