ލައިފްސްޓައިލް

ނިބޫ ކުދިންގެ ދެ ސެޓު ކުދިންނަށް ބަލިވެއިން މީހެއް

އެމެރިކާ އަންހެނަކު ބަލިވެ އިނދެ މިހާރު ކުރަމުންދާ ތަޖުރިބާ އަކީ 70 މިލިއަނުން އެއްފަހަރު ނޫނީ ދިމާ ނުވާ ފަދަ ހާލަތެކެވެ.

އެމީހާގެ ބަނޑުގައި ހަތަރު ދަރިން އޮތްއިރު އޭގެ ތެރޭގައި ނިބޫ (އައިޑެންޓިކަލް ޓްވިންސް)ގެ ދެ ސެޓް ކުދިން އެބަތިއްބެވެ. މާނައަކީ މުޅިން އެއް ވައްތަރު ދެ އަންހެން ކުދިންނާއި މުޅިން އެއްވައްތަރެއްގެ ދެ ފިރިހެން ކުދިންނެވެ.

އެޝްލޭ ނެސް ނަމަކަށް ކިޔާ މި އަންހެން މީހާ އަށް އައިޑެންޓިކަލް ޓުވިންސްގެ ދެ ސެޓު ލިބެން ތައްޔާރުވާއިރު މިއީ ދުނިޔޭގައި ދިރިއުޅޭ އެތައް ބިލިއަން މީހުންނެއްގެ ތެރެއިން މަދު މީހަކަށް ނޫނީ ދިމާނުވާ ހާލަތެއް ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

އެޝްލޭ ބަލިވެ އިންކަން އޭނާއަށް އެނގުނީ މި އަހަރުގެ ފެބްރުއަރީ މަހު ލޯބިވެރިންގެ ދުވަސް ފާހަގަކުރަން ތައްޔާރުވަމުން ދަނިކޮށެވެ. އޭގެ ދެ ހަފުތާ ފަހުން އޭނާ ހެދި ސްކޭނުން މި އާދަޔާޚިލާފު ޚަބަރު އޭނާއަށް ލިބުނެވެ.

އޭނާގެ ބަނޑުގައި ހަތަރު ކުދިން އޮތް ވާހަކަ ސްކޭން ޑޮކްޓަރު ބުނުމުން އެޝްލޭ އަށް ފުރަތަމަ ލިބުނީ ޝޮކެކެވެ. ނަމަވެސް ވަރަށް އަވަހަށް ހަމަޖެހިލައި ދަރިން ލިބުމުން ކަންކަން ކުރާނެ ގޮތް އެޝްލޭ ހިތާހިތުން ރާވަން ފެށި އެވެ.

އެޝްލޭ އާއި ފިރިމީހާ އަށް އޭރު ވެސް ހަތަރު ދަރިން ލިބިފައި ވެއެވެ. ނަމަވެސް އެޝްލޭ އަކީ ވަރަށް ކުޅަދާނަ މަންމައެއް ކަމާއި އަދި އިތުރު ހަތަރު ދަރިން ލިބުނަސް ވަރަށް ރަނގަޅަށް އެ ދަރިން ބެލުމުގެ ގާބިލްކަން އެޝްލޭގެ ހުންނާނެކަން އޭނާ ދަންނަ އެންމެންނަށް ވެސް ޔަގީން ކުރެ އެވެ.

އެޝްލޭ ވިހާނެކަމަށް ޑޮކްޓަރުން ލަފާ ކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ މެދެއްހާ ހިސާބުގަ އެވެ.