ލައިފްސްޓައިލް

ބައްޔެއްގެ ސަބަބުން ކަށިތައް ބިއްލޫރި ފަދަ ނާޒުކު ކުއްޖެއް

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަވަށެއްގައި ދިރިއުޅޭ 12 އަހަރުގެ ރޯހިތުގެ ކަށިތައް މިހާތަނަށް 100 އަށް ވުރެ ގިނަ ފަހަރު ބިނދިއްޖެ އެވެ.

އޭނާއަށް ޖެހިފައިވަނި ވަރަށް މަދުން ނޫނީ ދުނިޔޭން ނުފެންނަ ބައްޔެކެވެ. ރޯހިތަކީ "ބިއްލޫރިން އުފައްދަވާފައިވާ ކުއްޖެކޭ" މީހުން ބުނަނީ އޭނާގެ ކަށިތަކުގެ ނާޒުކުކަމުންނެވެ. ކިރިޔާ މީހަކު ބާރަށް އަތްލިޔަސް އޭނާގެ ކަށިތައް ބިނދޭތީ އެވެ.

އޮސްޓިއޯޕްރޯސިސް ނުވަތަ ބްރިޓްލް ބޯން ޑިޒީޒް ކިޔާ މިބަލި ޖެހިފައިވާ ރޯހިތު ވަރުގެ ހާލަތެއްގައި ހުރި އެއްވެސް ކުއްޖެއް އުޅޭކަމެއް ނޭނގެ އެވެ. ސަބަބަކީ މީހެއްގެ ގައިގައި ޖެހިލިޔަސް އޭނާގެ ކަށިގަނޑެއް ބިންދައިގެން ދާތީ އެވެ. މިކަމާހެދި ބޭރަށް ނުކުމެ އެ އުމުރުގެ ކުދިންނާއެކު ކުޅެލާ އުޅުމުގެ ފުރުސަތެއް ވެސް ރޯހިތަކަށް ނެތެވެ.

ބަލީގެ ސަބަބުން ރޯހިތުގެ ހެދިބޮޑުވުން ވަނީ މާ ކުރިއްސުރެ ހުއްޓިފަ އެވެ. އުމުރުން 12 އަހަރު ފުރުނުއިރު ރޯހިތުގެ އިސްކޮޅުގައި ހުރީ 1 ފޫޓު 4 އިންޗި އެވެ. އަދި ބަރުދަން ވެސް އެހާމެ ލުޔެވެ.

މިހާ ޅަ އުމުރުގައި ރޯހިތުގެ ކަށިތައް 100 އަށް ވުރެ ގިނަ ފަހަރު ބިނދިއްޖެ އެވެ. އެއީ އެވްރެޖްކޮށް ބަލާއިރު އަހަރަކު އަށް ކަށިގަނޑެވެ. ރޯހިތުގެ ހާލަތު ހުރި ގޮތުން ހުރިހާ ވަގުތެއްގައި ވެސް އޭނާގެ މަންމަ އޭނާގެ ކައިރީގައި ހުންނަން ޖެހެ އެވެ.

ބަލި ހާލު ހުރި ގޮތުން ރޯޙިތު ދުވަހަކުވެސް ސްކޫލަކަށް ނުދެ އެވެ. ސަބަބަކީ ގިނަ ދުވަސްތަކުގައި އޭނާއަށް އުޅެންޖެހެނީ ކަށިތަކުގައި ރިއްސާ ވަރުން ވަރަށް ވޭނުގައި ކަމަށް ވާތީ އެވެ. އެވަރުން ވެސް އޭނާއަށް ލިޔަން ކިޔަން ދަސްކޮށްދިނުމުގެ މަސައްކަތް އޭނާގެ ދައްތަ ކޮށްދެ އެވެ.

ކިތަންމެ ބޮޑު ބައްޔަކާ ހަނގުރާމަ ކުރަމުން ދިޔަ ނަމަވެސް ރޯހިތުގެ އުންމީދަކީ ބޮޑުވެގެން ލަވަކިޔުންތެރިޔަކަށް ވުމެވެ.

ރޯހިތު އަށް ޖެހިފައިވާ ބައްޔަށް އަދި ބޭހެއް ހޯދިފައި ނުވާއިރު އޭނާގެ ގައިގައި އަޅާ ވޭނަށް ލުޔެއް ހޯދައިދިނުމަށާއި ކަށިތައް ވަރުގަދަ ކުރެވޭތޯ ތަފާތު ބޭސްތައް ދެއެވެ.