ހައްޖުގެ އަޅުކަން

ހައްޖުވެރިން ފުރުމުގެ އިންތިޒާމުތައް އޮޅުންފިލުއްވައިފި

Jun 22, 2022
1

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުން ފުރުމަށް އިންތިޒާމުތައް ހަމަަޖައްސާފައިވާ ގޮތް ނައިބް ރައީސް ފައިސަލް ނަސީމް އޮޅުންފިލުއްވައިފި އެވެ.

ފައިސަލް ނަސީމު މިއަދު ވަނީ ހައްޖުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ މުއައްސަސާތަކުގެ ކަމާ ގުޅޭ ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ހައްޖުވެރިންގެ ދަތުރުފަތުރުގެ އިންތިޒާމުތައް މާލެއާއި ހުޅުމާލޭގައި ހަމަޖެހިފައިވާ ގޮތާއި، އެއާޕޯޓް ތެރޭގައި އެމީހުންނަށް އިސްތިގުބާލް ކުރުން ހަމަޖެހިފައިވާ ގޮތާއި، އެހެންވެސް ހައްޖާ ގުޅޭ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް އޮޅުންފިލުއްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ހައްޖުވެރިން ފުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބަލައި އެކަން ވީހާވެސް ރަނގަޅަށް ހަމަޖެއްސުމަށް ކަމަށެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުން ފުރާނީ މިމަހުގެ 26 އާއި 29 ވަނަ ދުވަހާ އަދި ޖުލައި ދެވަނަ ދުވަހު އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ އިސްވެރިޔަކަށް ނުވަތަ އަމީރުލްހައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.