ހަބަރު

ހައްޖު ފުރުސަތުގައި ދުވަސްވީ މީހުންނާ ބަލި މީހުންނަށް އިސްކަން ދެނީ

Sep 15, 2019

ކުރިޔަށް އޮތް ތަނުގައި ހައްޖުގެ އަޅުކަން އަދާ ކުރަން މީހުން ގެންދިއުމުގައި ދުރާލާ ތައްޔާރީތައް ވުމަށާއި ހައްޖަށް ގެންދިއުމަށް ފުރުސަތު ދިނުމުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފި އެވެ.

ނާއިބު ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ ހައްޖުގެ ކޯޕަރޭޝަނުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ހައްޖުގެ ކަންކަމާބެހޭ ގޮތުން މަޝްވަރާކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުވުމުގައި ނާއިބު ރައީސް ވަނީ ހައްޖަށް ގެންދިއުމަށް ފުރުސަތު ދިނުމުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ އިސްކަމެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން ހައްޖުގެ އަޅުކަން އަދާ ކުރަންދާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް މިހާރަށްވުރެ ފުޅާދާއިރާއެއްގައި، ޚާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ވެސް ދުރާލައި ހިންގަވައި ދެއްވުމަށް ޙައްޖު ކޯޕަރޭޝަނުގެ އިސްވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވި އެވެ.

އަދި ކުރިޔަށް އޮތް ތަނުގައި ހައްޖުގެ އަޅުކަން އަދާ ކުރުމަށް މީހުން ގެންދިއުމުގައި ދުރާލާ ތައްޔާރީތައް ވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ.

ހައްޖު ކޯޕަރޭޝަން އުފެދުނުފަހުން ރާއްޖެއަށް ހައްޖަށް މީހުން ގެންދަން ލިބޭ ކޯޓާގެ ބޮޑު ބައެއް ދެމުންދަނީ އެ ކުންފުންޏަށެވެ. އެ ކުންފުނިން 1000 މީހުން ކޮންމެ އަހަރަކު ހައްޖަށް ގެންދެއެވެ.