ޕާކިސްތާނުގެ ސިންދް ޕްރޮވިންސްގެ ރަށްފުށު ހިސާބެއްގައި ހުރި ހެލްތު ސެންޓަރަކަށް ވިހަން ދިޔަ އަންހެނެއް ނުވިއްސިގެން އެ މީހާގެ ބަނޑުގައި އޮތް ދަރިފުޅުގެ ބޯ ބުރިކޮށްލައިފި އެވެ.
ތަރްޕަރްކަރް ޑިސްޓްރިކްޓްގެ އަވަށެއްގެ އުމުރުން 32 އަހަރުގެ އަންހެން މީހާ ބަނޑުގައި ރިއްސާތީ އެ ސެންޓަރަށް ގެންދިޔައީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެމީހާ ގެންދިޔައިރު އެ ސެންޓަރުގައި އަންހެން ގައިނެކޮލޮޖިސްޓެއް (އަންހެނުންގެ ހާއްސަ ޑޮކްޓަރެއް) ނެތެވެ. އެހެންވެ ތަޖުރިބާ މަދު މެޑިކަލް ސްޓާފަކު އެމީހާ ވިއްސުމާ ހަވާލުވީ އެވެ. އަދި ކުއްޖާ ވިއްސުމުގެ ތެރޭގައި ބޯ ތާށިވެ ގިނައިރު ވާން ފެށުމުން ކުއްޖާގެ ބޯ ބުރިކޮށްލުމުން ރަހިމު ތެރޭގައި ބޯ ތާށިވީ އެވެ.
އަންހެން މީހާގެ ވޭނާއި ތަކުލީފު މިކަމުގެ ސަބަބުން އިތުރުވެ އޭނާގެ ފުރާނައަށް ނުރައްކާވުމުން އެހެން ހޮސްޕިޓަލަކަށް އެމީހާ ގެންދިޔަ އެވެ. އަދި ފަހުން ވަނީ ޖަމްޝޯރޯ ކިޔާ ރަށެއްގައި ހުރި ލިޔާގަތު ޔުނިވަސިޓީ އޮފް މެޑިކަލް އެންޑް ހެލްތު ސައިންސަސް (އެލްޔޫއެމްއެޗްއެސް) އަށް ބަދަލުކޮށްފަ އެވެ.
އެލްޔޫއެމްއެޗްއެސްގެ ޑޮކްޓަރުން އިމަޖެންސީ ސާޖަރީއެއް ހަދައި ކުއްޖާގެ ބޯ އަންހެން މީހާގެ ބަނޑުން ވަނީ ނަގައި އަންހެން މީހާގެ ފުރާނަ ސަލާމަތްކޮށްފަ އެވެ.
އަންހެން މީހާގެ ސާޖަރީ ހެދި ޕްރޮފެސަރު ރަހީލް ސިކަންދަރު ވިދާޅުވީ ކުއްޖާގެ ބޯ އަންހެން މީހާގެ ރަހިމުގައި ތާށިވެފައި ހުރުމުގެ ސަބަބުން އަންހެން މީހާގެ ރަހިމު އޮތީ ފަޅައިގެން ގޮސްފަ އެވެ. އެހެންވެ ކުއްޖާގެ ބޯ ނަގަން ޖެހުނީ އަންހެން މީހާގެ ބަނޑު ވަރަށް ބޮޑަށް ފަޅާލައިގެންނެވެ.
މި މައްސަލަ ހިނގި ގޮތް ބަލަން މެޑިކަލް އިންކުއަރީއެއް ހިންގަން ސަރުކާރުން މިހާރު ވަނީ ކަމާ ބެހޭ އިދާރާތަކަށް އަންގާފަ އެވެ.
މިކަމާ ގުޅުން ހުރި އިތުރު މައްސަލައެއް ވެސް މިހާރު ފެންމަތިވެ އެ މައްސަލަ ވެސް ވަނީ ބަލަން ފަށާފަ އެވެ.
ޑައިރެކްޓަ-ޖެނެރަލް އޮފް ސިންދު ހެލްތު ސާވިސަސް ޑރ. ޖުމަން ބަހޯޓޯ ވިދާޅުވީ މިކަމާ ގުޅުން ހުރި ތަފާތު ދެ މައްސަލައެއް ބެލުމަށް އަމުރު ނެރެފައިވާ ކަމަށެވެ. ކުއްޖާގެ ބޯ ކަނޑާލަން ޖެހުނު ސަބަބާއި، އަންހެނުންގެ ހާއްސަ ޑޮކްޓަރަކު އެ ސެންޓަރުގައި ނެތި މެޑިކަލް ސްޓާފަކަށް މި ވަރުގެ ކަމެއް ކުރެވެން ޖެހުނު ސަބަބު މި މައްސަލަ ތަހުގީގުކުރާ ކޮމިޓީން ބަލާނެ ކަމަށެވެ.
މީގެ އިތުރުން އަންހެން މީހާއަށް މިހާ ބޮޑު ވޭނާއި ހިތްދަތިކަން ތަޖުރިބާ ކުރެވެމުންދިޔަ ވަގުތު އެ ހެލްތު ސެންޓަރުގެ ސްޓާފުންތަކެއްގެ ފޯނުން އަންހެން މީހާގެ ފޮޓޯ ނަގައި ވަޓްސްއަޕް ގްރޫޕްތަކެއްގައި ޝެއާ ކުރި މައްސަލައެއް ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.