ލައިފްސްޓައިލް

އާބާދީ ކޮންޓްރޯލްކުރަން ޕާކިސްތާނުގެ މިނިސްޓަރެއް ވިދާޅުވި ތިއަރީއަށް ފާޑުކިޔަނީ

ގައުމުތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ދައްކަވާ ވާހަކަފުޅު ތަކަކީ އަދި ދެއްވާ ބަޔާން ތަކަކީ އެންމެންގެ ސަމާލުކަން އެ ވާހަކަތަކަށް ނުވަތަ ބަޔާންތަކަށް ހުއްޓޭ އެއްޗެކެވެ. މިފަދަ ބައެއް ވާހަކަފުޅުތަކަށް ވިސްނުމުގެ ގާބިލްކަން އެހެން މީހުންގެ ނުހުރެ އެވެ. އަދި އެ ވާހަކަފުޅު އަޑުއަހާފައި ބުމަ އަރުވާލެވެނީ އެހެންވެ އެވެ.

މިފަހަރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުޅެނީ ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުހައްމަދު އާސިފް ދެއްކެވި ވާހަކަފުޅެކެވެ. މި ވާހަކަފުޅު އޭނާ ދެއްކެވީ ޕްރެސް ކޮންފަރެންސެއްގަ އެވެ.

ޕާކިސްތާނުގެ އާބާދީ އިތުރުވާ މިންވަރު ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން މިނިސްޓަރު ޚަވާޖާ ދެއްކެވި ވާހަކަފުޅު ޓުވިޓާގައި މީހަކު ޝެއާ ކުރުމުން ގިނަ ބައެއްގެ ފާޑުކިއުމާއި ޖޯކުތައް މި ވާހަކަފުޅަށް އަމާޒުވެފައި ވެއެވެ. ސަބަބަކީ އާބާދީ ކޮންޓްރޯލް ކުރުމަށް އޭނާ ގެންގުޅުއްވާ ބުއްދިއަށް ގަބޫލުކުރަން ދަތި ސިޔާސަތެވެ.

"ބާޒާރުތައް ރޭގަނޑު 8.00ގައި ބަންދުކުރާ ގައުމުތަކުގައި އާބާދީ އިތުރެއް ނުވޭ،" ޑިފެންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

އެއާއެކު ޓުވިޓާގައި މި ވާހަކަފުޅު ވައިރަލްވެ ވަރަށް މަޖާ ކޮމެންޓްތައް މީހުން ކުރަން ފެށި އެވެ.

"އާ ދިރާސާއަކުން ދެއްކި ގޮތުގައި ރޭގަނޑު 8.00ގެ ފަހުން ދަރިންނެއް ނުހޯދޭނެ. ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ ރޭގަނޑު 8.00 ގައި މާރުކޭޓުތައް ބަންދުކުރާ ގައުމުތަކުގެ އާބާދީ އިތުރެއް ނުވެޔޭ،" ނާއިލާ އިނާޔަތު ކިޔާ މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބަޔަކު މިނިސްޓަރުގެ މި ކޮމެންޓާ މެދު ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައި ތިބި ކަމަށް ބުންޏެވެ. އަދި އޭނާ މިގޮތަށް މި ބުނީ ކޮން މަގުސަދެއްގައި ކޮން ގޮތަކަށް ވިސްނާފައިތޯ ވެސް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

މިނިސްޓަރުގެ މި ކޮމެންޓު ކިޔާފައި ބައެއް މީހުން ހީ ހީ ހަލާކުވީއިރު ބާޒާރާއި ކުދިން ހޯދުމުގައި ހުރި ގުޅުމެއް ނޭނގިގެން ވެސް މީހުން ސުވާލު އުފެއްދި އެވެ.

"އާބާދީ ކޮންޓްރޯލްކުރަން މިއޮތީ ކިހާ ރަނގަޅު ހައްލެއް. ރޭގަނޑު 8.00ގައި ހުރިހާ ބާޒާރުތަކެއް ބަންދުކުރީމަ ނިމުނީ،" އެހެން މީހެއްގެ ޓުވީޓުގައި ލިޔެފައި ވެއެވެ.

"ޕާކިސްތާނާއި އެ ގައުމުގެ ލީޑަރުންނަކީ އެއްގޮތަކަށް ވެސް ލޮޖިކް އަށް ވިސްނާ ބައެއް ނޫން،" ދިވްޔަމް ޖެއިން ކިޔާ މީހެއްގެ ޓުވީޓްގައި ވެއެވެ.

މީގެ މަސްތަކެއް ކުރިން ޕާކިސްތާނުގެ އެހެން މިނިސްޓަރަކު ދެއްކެވި ވާހަކަފުޅެއް ވެސް މިގޮތަށް ވައިރަލް ވެފައި ވެއެވެ. އެ ގައުމުގެ ފެޑެރަލް މިނިސްޓާ އޮފް ޕްލޭނިން އަހްސަން އިގްބާލް އެ ފަހަރު ޕާކިސްތާނު ރައްޔިތުންނަށް އިލްތިމާސް ކުރެއްވީ ސައި ބޯ މިންވަރު މަދުކުރުމަށެވެ.

އޭނާ މިހެން ވިދާޅުވީ 2021-22 ފިސްކަލް އަހަރު 83.88 ބިލިއަން ރުޕީސްގެ ސައި އެ ގައުމުގެ މީހުން ބުއިކަމަށް އެ ގައުމުގެ ތަފާސް ހިސާބުތަކުން ދެއްކުމާ ގުޅިގެންނެވެ.

ޕާކިސްތާނަށް އެތެރެކުރާ ސައިފަތުގެ ބޮޑު ބަޔަކީ އިމްޕޯޓްކުރާ އެއްޗިއްސަށް ވާތީ އެތައް މިލިއަން ޑޮލަރެއް މި ކަމަށް ޚަރަދުވާ ކަމަށްވެ އެވެ.