ދުނިޔެ

އެންމެ ބޮޑު ބްލޫ ސްޓާ ސެފިޔާ ލަންކާއިން ފެނިއްޖެ

ދުނިޔޭގެ އެންމެ އަގުބޮޑު އަދި މަދުން ނޫނީ ނުފެންނަ ވައްތަރުގެ ޖެމްއެއް އެއް ކަމަށްވާ ބްލޫ ސްޓާ ސެފިޔާ އެއް ލަންކާއިން ފެނިއްޖެ އެވެ. މި ސެފިޔާ އަކީ މިހާތަނަށް ދުނިޔޭން ފެނުނު އެންމެ ބޮޑު އެ ބާވަތުގެ ޖަވާހިރު ކަމަށް އެ ގައުމުން ބުންޏެވެ.

ލަންކާގެ ވެރިރަށް، ކޮލަމްބޯގެ ޖެމޮލޮޖީ އިންސްޓިޓިއުޓް އިން ބުނީ މިއީ 1404.49 ކެރެޓްގެ ޖެމް އެއް ކަމަށާއި މިއީ މިހާތަނަށް ދުނިޔޭން ފެނުނު އެންމެ ބޮޑު ބްލޫ ސްޓާރ ސެފިޔާ ކަމަށެވެ. 2013 ވަނަ އަހަރު ފެނުނު މި ސެފިޔާގެ މިހާރުގެ ބަރުދަން އަދި މިހާތަނަށް ހާމަކޮށްފަ އެއް ނުވެ އެވެ.

އޭގެ އަގު 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު، އޭތި ނީލަމެއްގައި 175 މިލިއަން ޑޮލަރަށް ވިއްކާލެވޭނެ ކަމަށް ލަފާކުރެވެ އެވެ.

ލަންކާގެ ޖެމް އިންޑަސްޓްރީގައި އެންމެ ބޮޑު ފައިދާއެއް ހޯދައިދޭ މައުދަނަކީ ސެފިޔާއެވެ. ކޮންމެ އަހަރަކުވެސް 103 މިލިއަން ރުފިޔާގެ ފައިދާއެއް އެއިންޑަސްޓްރީއަށް ހޯދައިދެ އެވެ.

ނޫކުލައިގެ މި ޖެމް އަގުބޮޑު މައުދަނެއްގެ ގޮތުގައި މަޝްހޫރުވެފައިވަނީ އޭގެ މެދުގައި އިންނަ ހާއްސަ ނިޝާނެއްގެ ސަބަބުންނެވެ.

މި ޖެމް ފެނުނީ ލަންކާގެ "ސިޓީ އޮފް ޖެމްސް"ގެ ނަމުން މަޝްހޫރުވެފައިވާ ރަތްނަޕޫރާގެ މައިނަކުންނެވެ.

ބްލޫ ސެފިޔާ އަށް އެނަން ދީފައި ވަނީ "ދި ސްޓާރ އޮފް އެޑަމް" ގެ ނަމުންނެވެ. އިނގިރޭސި ޕްރިންސް ވިލިއަމްގެ އަންހެނުން، ކޭޓް މިޑްލްޓަންގެ އެންގޭޖްމެންޓް އަނގޮޓީގައި ބޭނުންކޮށްފައިވާ ސެފިޔާ އަކީ 1970 ގެ އަހަރުތަކުގައި ފެނުނު ސެފިޔާ އެއް ކަމަށް ލަންކާގެ ޖެމްސް އެންޑް ޖްވެލަރީ އެސޯސިއޭޝަނުން ހާމަކުރެ އެވެ.