ލައިފްސްޓައިލް

އޮސްޓްރޭލިޔާގެ "ދަރަނިވެރި މިލިއަނަރު" ފަގީރު ހާލުގައި

އޮސްޓްރޭލިއާގެ މި އަންހެން މީހާއަށް "ދަރަނިވެރި މިލިއަނަރު"ގެ ނަމުން ނަން ދީފައިވަނީ ވަރަށް ޚާއްސަ ސަބަބުތަކަކާ ހެދި އެވެ.

މި އަންހެން މީހާގެ ބައްޕަ މަރުވިއިރު 12 މިލިއަން ޑޮލަރުގެ އެސެޓް ހުރެ އޭނާގެ ހުރި ހަމައެކަނި ވާރިސް ކަމަށްވާ އަންހެން ދަރިފުޅަށް އޭގެން އެންމެ ފައިސާ ފޮއްޗެއް ވެސް ލިބޭނެ ގޮތް ނުވެ އޭނާ މަގުމަތި ވީމަ އެވެ.

ބައްޕަގެ މުދަލުން އަންހެން މީހާއަށް އެއްވެސް އެއްޗެއް ލިބޭގޮތް ނުވީ ވަސިއްޔަތުގައި އެދިފައިވާ ވަރަށް އާދައިގެ ކުޑަކުޑަ ދެ ކަމެއް އަންހެން މީހާ އަށް ނުކުރެވިގެންނެވެ. ނަމަވެސް މިހާ ކުޑަކުޑަ ކަމެއް އަންހެން މީހާއަށް ނުކުރެވިގެން އެކަމާ އޭނާއަށް ފާޑު ކިޔާ މީހުންނަށް އަންހެން މީހާގެ ހާލަތު އެނގިއްޖެނަމަ ފާޑުކިއުމުގެ ބަދަލުގައި ހަމްދަރުދީ ވާނެކަން ޔަގީނެވެ.

ފިލްމެއްގެ ޕްލޮޓެއް ކަހަލަ މި ވާހަކައަކީ ހަމަ ހަގީގީ ވާހަކަ އެކެވެ. ކްލެއާ ބްރައުންއަށް ހަމަ ހަގީގަތުގައި ވެސް އޭނާގެ ބައްޕަގެ ހުރި ހަމައެކަނި ވާރިސަށް ވާތީ 12 މިލިއަން ޑޮލަރުގެ އެސެޓެއް ލިބެން އޮތެވެ. ނަމަވެސް މިހާރު އޭނާ ދިރިއުޅެމުންދަނީ ވެލްފެއާގެ އެހީގަ އެވެ. ކްލެއާ އަށް އޭނާގެ ބައްޕަގެ ވާރުތަ މުދާ ނުލިބުނީ ކީއްވެ ހެއްޔެވެ؟

ކްލެއާގެ ބައްޕަގެ މިލްކިއްޔާތު އޭނާގެ ނަމަށް ބަދަލު ކުރެވެން އޮތީ ބައްޕަގެ ވަސިއްޔަތުގައިވާ ވަރަށް ކުޑަ ކުޑަ ދެ ކަމެއް އޭނާއަށް ފުރިހަމަ ކުރެވިގެންނެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ވަސިއްޔަތުގައި އޭނާގެ ބައްޕަ ލިޔެފައިވަނީ ކްލެއާ ދާއިމީ ވަޒީފާއެއް ހޯދުމެވެ.

ދާއިމީ ވަޒީފާއެއް ހޯދައިފިނަމަ ބައްޕަގެ ހުރިހާ މުދަލެއް ކްލެއާގެ ނަން މައްޗަށް ބަދަލު ކުރެވޭނެ އެވެ. ދެން އެ ވަސިއްޔަތުގައި ވަނީ ކްލެއާ މުޖުތަމައަށް ކޮންމެވެސް ކަމެއް ކޮށްދިނުމެވެ. މި ދެ ކަންތައް ކޮށްފިނަމަ ބައްޕަގެ ހުރިހާ މުދަލެއް ކްލެއާ އަށެވެ. ނަމަވެސް ކްލެއާ ކޯޓުގައި ބުނި ގޮތުގައި ބައްޕަގެ ވަސިއްޔަތުގައި ކުރަން ބުނެފައިވާ އެއްވެސް ކަމެއް އޭނާއަކަށް ނުވާނެ އެވެ. އަދި އެ ވަސިއްޔަތަށް އަމަލުނުކޮށް ބައްޕަގެ ހުރިހާ މުދާ އޭނާގެ ނަމަށް ބަދަލުކޮށްދޭން ކްލެއާ ދަނީ ކޯޓުގައި އެދެމުންނެވެ.

ކްލެއާ އަށް މިވަރުގެ ކުޑަ ކަމެއް ނުވާނެ ވާހަކަ ބުނުމުން ވަރަށް ގިނަ މީހުން އޭނާއަށް ފާޑުކިޔާނެކަން ޔަގީނެވެ. ނަމަވެސް ކްލެއާ އަށް ފާޑު ކިއުމުގެ ކުރިން އޭނާ މިކަން ނުވާނެކަމަށް ބުނާ ސަބަބު ހޯދުން މާ މުހިއްމެވެ.

ވަޒީފާއެއް ހޯދުމުގެ މަސައްކަތަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުން ކޮށް އުޅޭ ކަމެކެވެ. ނަމަވެސް ކްލެއާ އަށް އެކަން ވާކަށް ނެތެވެ. ސަބަބަކީ ކްލެއާގެ ކޭސް އެހެން މީހުންނާ ތަންކޮޅެއް ތަފާތު ވީމަ އެވެ.

ކްލެއާ އަކީ އޮޓިޒަމް އާއި އޭޑީއެޗްޑީ ހުރި މީހެކެވެ. ކްލެއާގެ ދެބެންގެ ދެ ދަރި ޖިމީ ބުނި ގޮތުގައި އެހެން މީހުންނަށް ކްލެއާގެ ވާހަކަ އިވުމުން މިހާ ފަސޭހަ ދެ ކަމެއް އޭނާއަށް ނުކެރެވިގެން އުޅެނީ ކީއްވެތޯ ސުވާލު ކުރާނެ އެވެ. ހަގީގަތުގައި ވެސް މީގެން އެއްވެސް ކަމެއް ކްލެއާ އަށް ނުކުރެވޭނެ ކަމަށް ޖިމީ ބުންޏެވެ.

އޮޓިޒަމްގެ މައްސަލަތަކުގެ އިތުރުން އޭޑީއެޗްޑީ ހުރި މީހަކަށް ވަޒީފާއެއް ދޭނީ ކާކުތޯ އާއި މުޖުތަމައަށް ޚިދުމަތެއް ކޮށްދޭވަރުގެ ވިސްނުމަކާއި ކެތްތެރިކަމެއް އެފަދަ މީހެއްގެ ހުންނާނެތޯ ޖިމީ ސުވާލު ކުރި އެވެ.

ކްލެއާ ބުނި ގޮތުގައި އޭނާގެ އޭޑީއެޗްޑީ މައްސަލަ ބޮޑުކަމުން ކާރެއްވެސް އަމިއްލައަށް ދުއްވޭ ވަރެއް ނޫނެވެ. ވީމާ އެފަދަ ހާލަތެއްގައި ވަޒީފާއެއް ހޯދުމުގައި މުޖުތަމައަށް ކަމެއް ކޮށްދިނުމަކީ ކްލެއާ އަށް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. އެހެންވެ ކޯޓުގައި އަދިވެސް އޭނާ އެދެމުން ދަނީ ބައްޕަގެ ވަސިއްޔަތުގައިވާ ކަންކަމަށް ނުބަލައި ބައްޕަގެ މުދާތައް އޭނާގެ ނަމަށް ބަދަލުކޮށްދިނުމަށެވެ.