ނޭފަތް ކޮއްޓުމަކީ ވަރަށް މުޑުދާރުކަމެއް ނަމަވެސް އާއްމުކޮށް މީހުން ކުރާ ކަމެކެވެ. ބައެއް މީހުން ފޫހިވުމުން ވެސް ނޭފަތް ކޮއްޓައެވެ. އެކަމަށް އާދަވެފައި ހުންނާތީ މި ކުރެވެނީ ކީއްކަން ނޭނގި ވެސް ބައެއް މީހުން ނޭފަތަށް އިނގިލި ބާނައިގެން އުޅޭތަން ފެނެ އެވެ.
މިކަމާ ގުޅޭ ގޮތުން 1995 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި 91 ޕަސެންޓް މީހުން ދޭތެރެއަކުން ނޭފަތް ކޮއްޓަ އެވެ.
ނޭފަތް ކޮއްޓުމަކީ ފަކުރުގަންނަ ކަހަލަ ކަމަކަށް ވުމުގެ އިތުރުން މިއީ ސިއްހީ ގޮތުން ވެސް ނުރައްކާ ކަމެއް ކަމަށް ޔުނިވަސިޓީ ޕްރޮފެސަރަކު ވަނީ ވިދާޅުވެފަ އެވެ.
އޮސްޓްރޭލިއާގެ ކުއިންސްލެންޑްގެ ގްރިފިތު ޔުނިވަސިޓީގެ ޕްރޮފެސާ ސެންޓް ޖޯން ޓިކްޓޮކްގައި ޝެއާ ކުރައްވާފައިވާ ވީޑީއޯއެއްގައި ނޭފަތް ކޮއްޓުމުގައި ހުރި ނުރައްކާތައް ވިދާޅުވެ ދެއްވާފައި ވެއެވެ.
"ނޭފަތުން މަޑުނެގުން ނުވަތަ ނޭފަތު ތެރޭގައި ފަޅާފައި ހުންނަ އިސްތަށި އުފުރުމަކީ އަސްލުވެސް ރަނގަޅު ކަމެއް ނޫން. އަލްޒައިމާ ފަދަ ހަނދާން ނެތޭ ބައްޔެއް ޖެހުމުގެ ފުރުސަތު މިއަމަލުކުރާނަމަ ވަރަށް ބޮޑަށް އިތުރުވޭ،" ޕްރޮފެސަރު ވިދާޅުވި އެވެ.
މިހެން މިކަން ދިމާވާ ސަބަބު ވެސް ޕްރޮފެސަރު ކިޔާ ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނޭފަތަށް އިނގިލި ބާނާނަމަ ނޭފަތުގެ އެތެރެ ފަށަލަ ހަލާކުވުމުގެ ފުރުސަތު އޮވެ އެވެ. އަދި މިކަމުގެ ސަބަބުން ސިކުނޑިއަށް ވާސިލުވާ ޖަރާސީމު އިތުރުވެ އެވެ. އަދި މީގެން ބައެއް ޖަރާސީމަކީ އަލްޒައިމާ ޑިޒީޒް ޖައްސާ ޖަރާސީމެވެ.
ނޭފަތުގެ ކެވިޓީ ތެރޭގައިވާ ނާރުން ލާފައި ކްލެމީޑިއާ ނިއުމޯނިއައި ނަމަކަށް ކިޔާ ބެކްޓީރިއާ އެއް ސިކުނޑިއަށް ވާސިލުވެއްޖެނަމަ އަލްޒައިމާ ޑިޒީޒް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ގްރިފިތު ޔުނިވަސިޓީ ޕްރޮފެސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ބަލި މީހަކަށް ޖެހުމަށް ބެކްޓީރިއާ އެކަނި ނުފުދިދާނެ އެވެ. އޭނާގެ ޖެނެޓިކް މައްސަލަތަކެއް ވެސް މީގައި ދައުރެއް އޮވެ އެވެ.