ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ނުރައްކާތެރި ގަހުގެ މައްޗަށް ވެއްޓުނު މީހާގެ ވޭނީ ތަޖުރިބާ

ދުނިޔޭގައިވާ އެންމެ ނުރައްކާތެރި ގަހަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ގިމްޕީ ގިމްޕީ ޕްލާންޓެވެ. މި ގަހުގެ ސައިންޓިފިކް ނަމަކީ ޑެންޑްރޮކްނިކް މޮރައިޑްސް އެވެ. މި ގަހަށް 'ސުއިސައިޑް ޕްލާންޓް' ވެސް ކިޔަ އެވެ.

ބައިސްކަލް ދުއްވާފައި ދަނިކޮށް މީގެ ގަހެއްގެ މައްޗަށް ވެއްޓުނު އަންހެނަކު އޭނާގެ ވޭން ދެނިވި ތަޖުރިބާ ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައި ވެއެވެ. އޮސްޓްރޭލިޔާގެ އަންހެނެއް ކަމަށްވާ ނައޯމީ ލުއިސް ބުނި ގޮތުގައި އޭނާ މީގެ ގަހެއްގެ މައްޗަށް ބައިސްކަލާއެކު ވެއްޓުނީ މިދިޔަ އަހަރުގެ ޖޫން މަހު ނޯތު ކުއީންސްލެންޑަށް ކުރި ދަތުރެއްގަ އެވެ.

މި ގަހުގެ ފަތެއްގައި ކިރިޔާ ޖެހިލެވުނަސް ވިހަ ގަދަ އެއްޗެއް ކަށި ޖެހީމާ ހަށިގަނޑަށް ވިހަތައް ވަދެގެން ދާގޮތަށް މި ގަހުގައި ހުންނަ ވިހަތައް ހަށިގަނޑަށް ވަދެ އެވެ. އަދި ވަރަށް ގަދަފަދަ ވޭން ތަހައްމަލުކުރަން ޖެހެ އެވެ.

ލުއިސް ބުނި ގޮތުގައި ފާއިތުވީ ނުވަ މަސް ދުވަހުއްސުރެ އޭނާ ތަހައްމަލުކުރަމުންދާ ވޭނަކީ އެހެން ހުރިހާ ވޭނަކަށް ވުރެ 100 ޕަސަންޓް ގަދަ ވޭނެކެވެ.

އޭނާ ބުނި ގޮތުގައި މިއީ އެއްވެސް އިންސާނަކަށް ކެތް ކުރެވޭވަރުގެ ވޭނެއް ނޫނެވެ. އެންމެ ފަހުން އޭނާޔަށް ވަރަށް ގަދަޔަށް ހޮޑުލެވެން ފެށި ކަމަށް ވެސް ލުއިސް ބުންޏެވެ.

"އަހަރެން ހަތަރު ދަރިން ވިހެއިން. އޭގެ ތެރެއިން ފުރަތަމަ ކުއްޖާ ގުދުރަތި ގޮތުން ވިހެއީ. އަނެއް ތިން ކުދިން ސިޒޭރިއަން ހެދީ. ނަމަވެސް މި ހަތަރު ފަހަރު ވެސް އަހަރެންނަށް މިވަރުގެ ވޭނެއް އިހްސާސެއް ނުވޭ. ދަރިން ވިހެއުމުގެ ވޭނަށް ވުރެ ވެސް ގަދަ ވޭނެއް މިއީ،" ލުއިސް ބުންޏެވެ.

ގިމްޕީ ގިމްޕީ ގަހުގެ ފަތުގައި ކެހެރިތަކެއް ހެން ހުންނަ ތޫނު ކަށިތަކެއް ފާޑު ކެހެރިތަކެއް ހުރެ އެވެ. އަދި ލުއިސް މި ގަސްތަކު މައްޗަށް ވެއްޓުމާއެކު އޭނާގެ ގައިގެ ހަމުގައި މި ފަތުގެ ކެހެރިތައް ތަތްވި އެވެ. ލުއިސްގެ ފިރިމީހާ އަށް މިއީ ކިހާ ނުރައްކާ ގަހެއް ކަމެއް ނޭނގެ އެވެ. އެހެންވެ ފާމަސީއަކަށް ގޮސް ބޭހެއް ހޯދައިގެން އެ ފަތުގެ ކަށިތައް ނެގި އެވެ. އަދި ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ތަދު ކަނޑުވަން މަސައްކަތް ކުރި އެވެ. ފުރަތަމަ ގެންދިޔަ ހޮސްޕިޓަލުން އެކަން ނުވެގެން ބޮޑު ހޮސްޕިޓަލަށް ލުއިސް ބަދަލު ކުރި އެވެ.

ހަތް ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮތުމަށްފަހު ކޮންމެވެސް ވަރަކަށް ލުއި ލިބުމުން ލުއިސް ގެޔަށް ބަދަލު ކުރި އެވެ. ނަމަވެސް އޭގެ ފަހުން ފާއިތުވީ ހައެއްކަ މަސް ދުވަހު އޭނާ އުޅުނީ ވަރަށް ވޭން ދެނިވި ދިރިއުޅުމެއް ކަމަށް ލުއިސް ބުންޏެވެ.

ބޮޑުވަރުވީ ލުއިސްގެ ދެ ފަޔަށެވެ. އެހެންވެ ފައިގައި ރިއްސާވަރުން އަބަދާ އަބަދު ޕެއިން ކިލާ ބޭނުންކުރަން ހީޓް ޕެކް އަޅައިގެން ވެސް ކެތް ވަނީ ކިރިޔާ ކަމަށް ލުއިސް ބުންޏެވެ.

ތަދުކަނޑުވާ ބޭސް ކެއުން ލުއިސް އަށް ހުއްޓާލެވުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. މިހާރުވެސް ބައެއް ފަހަރު ފަހަރު ދެ ފައިގައި ކޮންމެވެސް އުނދަގޫތަކެއް އުޅޭކަމުގެ އިހްސާސްތައް ލުއިސް އަށް ކުރެވެ އެވެ.