ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރު ބައްދަލުކުރައްވައިފި

Jun 25, 2022

މިރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ ބައްދަލުކުރައްވައިފިއެވެ. ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރުވާންޑާގެ ކިގާލީ މެރިއޮޓް ހޮޓެލްގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި މޮރިޝަސްގެ ބޮޑުވަޒީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއާއި މޮރިޝަސްގެ ހުރި އެއްގޮތް ކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވި އެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި މޮރިޝަސްއަކީ އދ އާއި ކޮމަންވެލްތް އަދި އެއޯސިސް ފަދަ ބޮޑެތި ޖަމާއަތްތަކުގެ މެންބަރު ދެ ގައުމު ކަމަށާއި، ދެ ގައުމަކީވެސް ވިޔަފާރިއާއި، އިގްތިސޯދަށްޓަކައި އިންޑިއާ ކަނޑަށް ބަރޯސާވާ ދެ ގައުމުކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ކޮވިޑް-19ގެ ސަބަބުން ދެ ގައުމުގެ ވެސް އިގްތިސޯދަށް ކޮށްފައިވާ އަސަރުތަކުން އަރައިގަތުމަށް އެއް ގައުމު އަނެއް ގައުމުގެ ފަތުރުވެރިކަމުން ފިލާވަޅު ލިބިގަނެވޭނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މިހާރަށްވުރެ ބޮޑަށް ވިޔަފާރިއާއި އިޤްތިސޯދީ ރޮނގުން ދެ ގައުމުން ގުޅުން ބަދަހިވާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފަ އެވެ.

ރައީސް ސޯލިހް ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއަށް ވަޑައިގަތީ ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.