މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮތް ކަމަށް ގަބޫލުކުރާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސް ސަރުކާރަށް ފޮނުއްވި ސިޓީ ހާމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ދަނގެތި ދާއިރާގެ މެންބަރު މުހައްމަޒު ނާޒިމް ހުށަހަޅުއްވާފައިވާ ޗާގޮސް ރަށްތަކުގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވެފައިވޭތޯ ރައްޔިތުންނަށް ސާފުކޮށްދިނުމަށް ގޮވާލައި ހުށަހެޅި ގަރާރުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.
ބަހުސްގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނެ ގޮތް ގާނޫނު އަސާސީގައި ބަޔާންކުރާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް އެއީ ކަނޑުގެ ވިޔަސް، ބިމުގެ ވިޔަސް އަދި ވައިގެ ވިޔަސް. އެ ދޫކޮށްލެވޭނީ އަދި ދޫކޮށްލެވޭ ގޮތަށް އެއްބަސްވުމެއްގައި އެއްބަސްވެވޭނީވެސް މި ރައްޔިތުންގެ މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރޭ،" ހަސަން އަފީފު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ކަމަށްވާއިރު ޗާގޮސް މައްސަލަ މަޖިލީހަށް ހުށަނޭޅީ ކީއްވެތޯ ހަސަން އަފީފް ސުވާލު އުފެއްދެވި އެވެ.
އަފީފު ވިދާޅުވީ ކޮންމެ ސަރުކާރެއްވެސް ކޮންމެ ރައީސަކުވެސް އިންތިހާބުކުރަނީ ރާއްޖޭގެ ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށް ކަމަށާއި މަގާމާއި ހަވާލުވެވަޑައިގަންނަވަނީ ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ކަމަށެވެ. ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ކަމެއް އެހެން ގޮތަކަށް ގެންދިއުމަކީ އެއްވެސް މީހަކަށް ލިބޭ ހައްގެއް އަދި ބާރެއްވެސް ނޫން ކަމަށް ވިދާޅުވި އެވެ.
އަފީފު ވިދާޅުވީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތު އޮތް ކަމަށް ގަބޫލުކުރެވޭ ފަދަ ނިންމުމެއް ރާއްޖޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭނެ ކަމަށެވެ.
"ބައިނަލްއަގްވާމީ ކޯޓުން އަދި އެހެންވެސް ތަންތަނުން ފާސްކުރެވިފައިވާނެ ކަންތައްތަކެއް. އެކަމަކު އަޅުގަނޑުމެންގެ ހައްގު އަޅުގަނޑުމެންނަށް ދޫކޮށްނުލާ ހިފެހެއްޓުމުގެ ހައްގު އެބައޮތް އަޅުގަނޑުމެންނަށް،" އަފީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައިނަލްއަގްވާމީ ކޯޓުން ނިންމާ ނިންމުންތައް ގަބޫލުނުކުރާ ގައުމުތައް ހުންނަ ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލޭ ބައި ހޯދުމުގެ ފުރުސަތު އޮތީވެސް މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮތް ކަމަށް ގަބޫލު ނުކޮށް ހިފަހައްޓައިގެން ކަމަށެވެ.
ޗާގޮސް މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އަމަލުކުރެއްވީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަށް ކަމުގައިވާނަމަ މޮރިޝަސްއަށް ރައީސް ފޮނުއްވެވި ސިޓީ މަޖިލީހަށް ހާމަކުރެއްވުމަށް މެންބަރު އަފީފު ގޮވާލެއްވި އެވެ.
ގަރާރުގެ ބަހުސްގައި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ވަނީ ރައީސް މޮރިޝަސްއަށް ފޮނުއްވެވި ސިޓީގައި އޮތް ވާހަކަ ނޭނގޭ ކަމަށް ވިދާޅުވެ އެ ސިޓީ ހާމަކުރެއްވުމަށް ގޮވާލައްވާފަ އެވެ.
"އެ ސިޓީފުޅު ފޮނުއްވުމާއި ގުޅިގެން ރާއްޖޭއިން ބައެއް ގެއްލިއްޖެ ކަމަށް މި ބެލެވެނީ، މިއީ ވަރަށް ކަންބޮޑުވާ ކަމެއް،" އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ބައެއް ގެއްލޭ ގޮތަށް ޗާގޯސްގެ މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތް އެއީ ދިވެހިން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ރާއްޖޭގެ ބައެއް ގެއްލޭނެ ކަމެއް ފާހަގަވާނަމަ އެކަން މަޖިލީހަށް ހުށަހެޅުމަށްވެސް ގޮވާލެއްވި އެވެ. ރައްޔިތުން ކަންބޮޑުވަނީ މައްސަލައިގައި ވާގޮތް ނޭނގޭތީ ކަމަށާއި ކަންތައްތައް ވާގޮތް ސާފުވާންޖެހޭ ކަމަށްވެސް މެންބަރު ވިދާޅުވި އެވެ.
"ސާފުވާން ޖެހޭ ކޮބައިތޯ މިކަމުގައި އޮތް ގޮތަކީ، ޑިޒިޝަންސް ނެންގެވި ގޮތަކީ، ނެންގެވީ ކީއްވެގެންކަން، ކިހިނެއް ވެގެންކަން އެކަންތައްތައް ރައްޔިތުންނަށް ސާފުވާން ޖެހޭ" އިލްޔާސް ވިދާޅުވި އެވެ.
ޗާގޮސް މައްސަލައިގައި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވާހަކަ ދައްކަވާފައިވާ ކަމަށާއި މުނައްވަރު ދެއްކެވި ވާހަކަފުޅަކީ ވިސްނަންޖެހޭ ވާހަކަފުޅެއް ކަމުގައިވެސް އިލްޔާސް ވިދާޅުވި އެވެ.
"ޑރ. މުނައްވަރަކީ ހަމައެކަނި ކުރީގެ އެޓާނީ ޖެނެރަލެއްގެ އިތުރަށް ދިވެހިރާއްޖޭގެ ބޯޑަރު ކަނޑައެޅިއިރު، ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން އެ ލައިން އެޅުއްވި ބޭފުޅާ،" އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑރ. މުނައްވަރަށް ކަމުގެ ތަފުސީލު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި މުނައްވަރަކީ އެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައިވެސް ހުންނެވީ ފުންނާބު އުސް ބޭފުޅެއް ކަމަށެވެ. މީގެއިތުރުން ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދާއި އާޒިމާ ޝަކޫރުވެސް މައްސަލައިގައި ކަންބޮޑުވުންފާޅު ކުރެއްވި ކަމަށް އިލްޔާސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
"މިހާރު ލިބޭ މައުލޫމާތަށް ބަލާއިރު އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ މޮރިޝަސް އަތުގައި ނެތް އެއްޗެއް އެ މީހުންނަށް ލިބިއްޖެކަން،" މެންބަރު ވިދާޅުވި އެވެ.
ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅީ މޮރިޝަސްގެ ފަރާތުންނެވެ.
މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ރާއްޖެ އޮތީ އެއްވެސް ތަނެއް ދޫކޮށްލާ ގޮތަށް ނޫން ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ކަނޑުގެ އިމުގެ މައްސަލަ ކުރިއަށް ދަނިކޮށް ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތު އެ ސަރަހައްދުގެ މައްޗަށް އޮތް ތަނެއް ކަމަށް ގަބޫލުކޮށް ރާއްޖޭން ވޯޓު ދޭން ނިންމިކަން ވަނީ ހާމަކޮށްފަ އެވެ. ރާއްޖޭގެ އެ ނިންމުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި އެވެ.
މިކަމުގައި ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޗާގޮސް އާކިޕެލާގޯގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ގައުމުގެ މައްސަލައަކީ މޮރިޝަސް އާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށާއި ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫން ކަމަށެވެ.
"އދ. ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާއި ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަ އެކެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ދިވެހި ސަރުކާރުން އެކަމުގައި އަމަލުކުރި ގޮތުން ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް މީގެކުރިން ހުށަހެޅި އެވެ. ކުއްލި މައްސަލައިގެ ބަހުސްގައި އިދިކޮޅު ސިޔާސީ ޕާޓީތަކާއި އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.