ސުޕްރީމް ކޯޓް

ރައީސް ސޯލިހް މޮރިޝަސް އަށް ފޮނުއްވި ސިޓީ ބާތިލްކުރަން ސުޕްރީމް ކޯޓަށް

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މޮޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކީ ބާތިލް ސިޓީއެއް ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ޒުބައިރު އަހްމަދު މަނިކުގެ އިތުރު މުހައްމަދު މުސްތާގު ކިޔާ ބޭފުޅެއްގެ ނަމުގަ އެވެ.

މި މައްސަލާގައި އެދިފައިވަނީ ރައީސް ސޯލިހުގެ ސިޓީފުޅު ބާތިލްކޮށް ދިނުމާ އެކު އެ ސިޓީ ހާމަކޮށް، ސިޓީއާ ގުޅޭގޮތުން ކޮށްފައިވާ ހުރިހާ މައުލޫމާތެއް ހާމަކުރުމަށް އަމުރުކުރުމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މޮރިޝަސްއަށް ރައީސް ސޯލިހް ސިޓީފުޅެއް ފޮނުއްވީ ޗާގޮސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް ގަބޫލުކުރެއްވި ކަން އެންގެވުމަށާއި ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ގޮވާލައި އދ.ގައި ނަގާ ވޯޓުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން އެންގެވުމަށެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ހުކުރު ނިންމީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. އެގޮތުން ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ. އިޓްލޮސް އިން މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު އިއްޔެ ބަހާލި ގޮތެވެ.