އުމަރު ނަސީރު

ރައީސްގެ ސިޓީގެ މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް

ޗާގޯސްގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މޮޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކީ ބާތިލު ސިޓީއެއް ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަަލަ ބަލައިނުގަތުމަށް އެކޯޓުގެ ރަޖިސްޓްރާ ނިންމެވުމާ ގުޅިގެން އެ ނިންމުން މުރާއަޖާކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ޒުބައިރު އަހްމަދު މަނިކުގެ އިތުރު މުހައްމަދު މުސްތާގު ކިޔާ ބޭފުޅެއްގެ ނަމުގަ އެވެ.

މައްސަލާގައި އެދިފައިވަނީ ރައީސް ސޯލިހުގެ ސިޓީފުޅު ބާތިލުކޮށް ދިނުމާ އެކު އެ ސިޓީ ހާމަކޮށް، ސިޓީއާ ގުޅޭގޮތުން ކޮށްފައިވާ ހުރިހާ މައުލޫމާތެއް ހާމަކުރުމަށް އަމުރުކުރުމަށެވެ.

މިމައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އުމަރު މިއަދު ވިދާޅުވީ ރަޖިސްޓްރާގެ ނިންމުން މުރާޖައާކޮށްދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ރަޖިސްޓްރާ ބަލައިނުގަތުމުން އެ މައްސަލައެއް މުރާޖައާކުރުމަށް އެކޯޓެއްގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމަކީ ގާނޫނީ ގޮތުން ހަމަޖެހިފައިވާ އުސޫލެކެވެ.

މޮރިޝަސްއަށް ރައީސް ސޯލިހް ސިޓީފުޅެއް ފޮނުއްވީ ޗާގޮސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް ގަބޫލުކުރެއްވި ކަން އެންގެވުމަށާއި ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ގޮވާލައި އދގައި ނަގާ ވޯޓުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން އެންގެވުމަށެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ ވއެޕްރީލް 28 ވަނަ ދުވަހު ނިންމީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ.