ސުޕްރީމް ކޯޓް

އުމަރު ހުށަހެޅުއްވި ޗާގޯސް މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މޮޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކީ ބާތިލު ސިޓީއެއް ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ޒުބައިރު އަހްމަދު މަނިކުގެ އިތުރު މުހައްމަދު މުސްތާގު ކިޔާ ބޭފުޅެއްގެ ނަމުގަ އެވެ.

ރައީސް ސޯލިހު ފޮނުއްވި ސިޓިފުޅު ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމެވީ އެ ކޯޓުގެ ރަޖިސްޓްރާ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ރައީސް ސޯލިހުގެ ސިޓީފުޅު ބާތިލުކޮށް ދިނުމާ އެކު އެ ސިޓީ ހާމަކޮށް، ސިޓީއާ ގުޅޭގޮތުން ކޮށްފައިވާ ހުރިހާ މައުލޫމާތެއް ހާމަކުރުމަށް އަމުރުކުރުމަށެވެ.

މޮރިޝަސްއަށް ރައީސް ސޯލިހް ސިޓީފުޅެއް ފޮނުއްވީ ޗާގޮސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް ގަބޫލުކުރެއްވި ކަން އެންގެވުމަށާއި ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ގޮވާލައި އދ.ގައި ނަގާ ވޯޓުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން އެންގެވުމަށެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން އެޕްރީލް 28 ވަނަ ދުވަހު ނިންމީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ.