ރައްޔިތުންގެ މަޖިލިސް

ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތު 30 މިނެޓަށް އިތުރުކޮށްފި

Jun 27, 2022

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރަން ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ ތަޅުމުގައި ވަޒީރުންނާ ސުވާލުކުރުމަށް މިހާރު ހަމަޖެހިފައި އޮންނަ ވަގުތުކޮޅުގެ ތެރޭގައި ސުވާލުކުރަން ފުރުސަތު ނުލިބުމަކީ ވަރަށް ގިނަ މެންބަރުންގެ ޝަކުވާ އެކެވެ.

އެ މައްސަލަ ހައްލުކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް އާންމު ކޮމިޓީގައި އެދިވަޑައިގަތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

މައްސަލަ ދިރާސާކުރުމަށްފަހު އާންމު ކޮމިޓީން ނިންމީ ވަޒީރުންނާ ސުވާލުކުރުމަށް މިހާރު ހަމަޖެހިފައިވާ ވަގުތުގެ ތެރެއަށް 10 މިނެޓް އިތުރުކުރުމަށެވެ. އެކަމަކު އެގޮތަށް ވަގުތު އިތުރުކުރެވޭނީ ވަޒީރު އެކަމަށް އިއުތިރާޒު ނުކުރައްވާނަމަ އެވެ.

މިހުށަހެޅުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 23 މެންބަރުންގެ ވޯޓުންނެވެ.

ވަޒީރުންނާ ސުވާލުކުރުމަށް މީގެކުރިން ކަނޑައަޅާފައި އޮންނަނީ 20 މިނެޓެވެ. އެއީ ސުވާލުކުރާ މެންބަރަށް ދެ ފުރުސަތާއި އެހެން ކޮންމެ މެންބަރަކަށް އެއް ސުވާލެވެ.

ވަޒީރުންނާ ސުވާލުކުރަން މެންބަރަކު ހުށަހެޅުއްވުމުން ވަޒީރަށް ޖަވާބު ދިނުމަށް 14 ދުވަހުގެ ނޯޓިސްއެއް ވަޒީރަށް ލިބިވަޑައިގަންނަވާނެ އެވެ.