ރައްޔިތުންގެ މަޖިލިސް

ލޭންޑް ޔޫސް ޕްލޭން ފާސްކުރުން އަވަސްކުރުމުގެ ބިލް ބޭރުކޮށްލައިފި

Jun 27, 2022

މިހާރަށްވުރެ ފަސޭހަ ގޮތަކަށް ލޭންޑް ޔޫސް ޕްލޭން ފާސް ކުރެވޭނެ އުސޫލެއް ހަމަޖެއްސުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މިއިސްލާހު މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ބިލް ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 32 މެންބަރުން ވޯޓު ދެއްވި އެވެ. ބިލް ބަލައިގަތުމަށް ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު އިސްލާހު ހުށަހަޅުއްވާފައިވަނީ ލާމަރުކަޒީ ގާނޫނުގެ 170 ވަނަ މާއްދާގެ ދެވަނަ ނަންބަރުގެ (ނ) އަށެވެ.

އިސްލާހުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ރަށު ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫސް ޕްލޭން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ގައުމީ އިދާރާއިން ފާސްކުރަންވާނެ ކަމަށެވެ. ލޭންޑް ޔޫސް ޕްލޭންއާ ގުޅޭގޮތުން ވަކިކަމެއް އިސްލާހު ކުރަން ޖެހޭ ކަމަށް ގައުމީ އިދާރާއަށް ފެންނަ ނަމަ އެކަމަކާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކޮށް އެކަމެއް އިސްލާހްކޮށްގެންވެސް ގާނޫނުގައި ބަޔާންކުރާ 60 ދުވަހުގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭން ފާސް ކުރަން ވާނެ ކަމަށެވެ. އަދި މިމުއްދަތުގެ ތެރޭގައި ގައުމީ އިދާރާ އިން ވަކި އެއްޗެއް އަންގާފައި ނުވާނަމަ ޕްލޭން ފާސްވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ގައުމީ އިދާރާ އަށް ތިން މަސް ދުވަސް ލިބެ އެވެ.

މިބިލްގެ އިބްތިދާއީ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވަނީ ނާޒިމު ހުށަހެޅުއްވި އިސްލާހަކީ ލޭންޑް ޔޫޒް ޕްލޭންގެ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށެވެ. އެހެންކަމުން އެ ބިލް މަޖިލީހުން ފާސްކުރަންވެސް އެމްޑީޕީގެ މެންބަރުން ކުރިން ދެކޮޅު ހަދާފައިވެ އެވެ.