ރާއްޖޭގައި ހިނގާ އެންމެހައި މުންކަރާތްތައް މަނާކުރުމުގެ އެންމެ އިސްފަރާތަކީ އިސްލާމިކް މިނިސްޓްރީ ނަމަވެސް ޔޯގާ އޭ ކިޔައިގެން ބޭއްވި ބޮޑު މުންކަރާތް ހުއްޓުވަން މަސައްކަތް ކޮށްފައިނުވާ ކަމީ ޒިންމާ ފުރިހަމަ ގޮތުގައި އަދާނުކުރާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެ އެ މިނިސްޓްރީގެ އިސްވެރީންނަށް އަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ފާޑުވިދާޅުވެއްޖެ އެވެ.
މި ސަރުކާރާއި އަދާލަތުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ޑރ. އިޔާޒް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އިސްލާމިކް މިނިސްޓްރީއަކީ މި ސަރުކާރުގައި އަދާލަތު ޕާޓީއަށް އޮތް ސްލޮޓެކެވެ. އިސްލާމިކް މިނިސްޓަރަކަށް ހުންނެވީ އެންމެ ފަހުން އަދާލަތުން ބޭއްވި އެ ޕާޓީގެ ރަައީސް ހޮވުމުގެ އިންތިހާބުގައި އެ އިންތިހާބަކީ ޑިމޮކްރަޓިކް އިންތިހާބެއްކަން ދައްކަން މިހާރުގެ ރައީސް އިމްރާން އަބްދުﷲއާ ވާދަކުރައްވަން ނެރުއްވި ޑރ. އަހުމަދު ޒާހިރު އަލީ އެވެ.
މި މަހުގެ 21 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގްވާމީ ޔޯގާ ދުވަހާއި ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވުމަށް ފުރުސަތު ދިނުމުން އިޔާޒު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ހަރަކާތް ބޭއްވީ ޔޯގާއާ ގުޅުން ހުރި ކުފުރުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓުވަން އިސްލާމިކް މިނިސްޓްރީން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައިވަނިކޮށެވެ. ޔޯގާ އަކީ މުސްލިމުންނަށް ހަރާމް ކަމެއް ކަމަށް އިސްލާމީ ބޮޑެތި ގަައުމުތަކުން ނެރެފައިވާ ފަތުވާތައް ހިމަނައިގެން ފޮނުވި އެ ސިޓީ އަކީ ޔޯގާ ހަރަކާތް ބޭއްވުމުގެ ފަސް ދުވަސް ކުރީން މި މަހުގެ 16 ވަނަ ދުވަހު ފޮނުވާފައި އޮތް ސިޓީއެކެވެ.
އެ ސިޓީ އާންމުވުމުގެ ކުރީން ޔޯގާ ހަރަކާތް އޮތް ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ކުށްވެރިކޮށް އިސްލާމިކް މިނިސްޓްރީން ދިޔައީ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ޔޯގާއަކީ މުންކަރާތެއް ކަމަށް ބަޔާން ކުރާންވެސް ކެރިވަޑައިނުގަތެވެ. ސިޓީ އާންމުވުމުން އެއީ އޮޅުމެއްގެ ތެރެއިން ފޮނުވިފައިވާ ސިޓީއެއް ކަމަށް ބުންޏެވެ. އަދި އެ ސިޓީ ފޮނުވީ ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވަން ނޫން ކަމަށް ބުނެ ބަޔާނެއްވެސް ނެރުނެވެ.
އެ ބަޔާނާއި ގުޅިގެން އިޔާޒު ވަނީ ރުޅިވެރިކަމާއެކު މިނިސްޓްރީއަށް ރައްދު ދީފައެވެ. އިޔާޒު ވިދާޅުވީ ރާއްޖޭގައި ހިނގާ އެންމެހައި މުންކަރާތްތައް މަނާކުރުމުގެ އެންމެ އިސްފަރާތަކީ އިސްލާމިކް މިނިސްޓްރީ ނަމަވެސް ޔޯގާ އޭ ކިޔައިގެން ބޭއްވި ބޮޑު މުންކަރާތް ހުއްޓުވަން މަސައްކަތް ކޮށްފައިނުވާ ކަމީ ޒިންމާ ފުރިހަމަ ގޮތުގައި އަދާނުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.
"ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ،" އިޔާޒްގެ ޓްވީޓްގައި ވިދާޅުވިއެވެ.
އިޔާޒް، ނިސްބަތްވާ ޕާޓީން ހިންގާ އިސްލާމިކް މިނިސްޓްރީގެ ޒިންމާ އަދާ ނުކުރާ ކަމަށް ވިދާޅުވިއިރު އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ މުންކަރާތްތައް ހުއްޓުވުމުގެ ޒިންމާ އޮތް ދިވެހި ފުލުހުންގެ ހިދުމަތް ޖަވާބުދާރީވާން ޖެހޭ ހޯމް މިނިސްޓްރީގެ މިނިސްޓަރެވެ. އަދި އެއީ ދީނީ އިލްމުވެރިއެއް ނަމަވެސް ޔޯގާ މައްސަލާގައި މިނިސްޓަރުގެ ހައިސިއްޔަތުންވެސް އަދި ފަރުދީ ހައިސިއްޔަތުންވެސް މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އިމްރާން ފާހަގަ ކުރެވިފައިވަނީ އެ މަގާމަށް ވަޑައިގަތުމުގެ ކުރީން މިފަދަ ކޮންމެ ކަމެއްގައި ވަރަށް ގަދަ އަށް އަޑުއުފުއްލަވާ ބޭފުޅެއްގެ ގޮތުގައެވެ. އެފަދަ ބައެއް ކަންކަމުގައި އަދި ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ހާދިސާތަކާއި ގުޅިގެން ހަގީގީ މައުލޫމާތު ލިބިވަޑައިނުގެން ހުންނަވާ އެތައް ވާހަކަތަކެއްވެސް ކުރީން ދައްކަވާފައިވެއެވެ.
ޔޯގާ މައްސަލާގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ގުޅިގެން ސަރުކާރަށް ޝަނާ ކިޔުން ހުއްޓަވާލައްވާ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވުމާމެދު ވިސްނަވަމުން ގެންދަވާ ކަމަށްވެސް އިޔާޒު ވަނީ ވިދާޅުވެފައެވެ.