ލައިފްސްޓައިލް

ހޮސްޕިޓަލުގައި ފެންބޮޑުވުމުން ކީމޯތެރަޕީވެސް މަގުމަތީގައި

އިންޑިއާގެ އާސާމަށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 126 މީހެއްގެ ފުރާނަ ވަނީ ގޮއްސަ އެވެ. އަދި 22 ލައްކަ މީހުންނަށް މީގެ ނޭދެވޭ އަސަރު ފޯރާފައި ވެއެވެ.

އެންމެ ފެންގަނޑު ބޮޑުވި ސަރަހައްދުގައި ހުރި ސްޓޭޓް ހޮސްޕިޓަލު ތަކުން ކީމޯތެރަޕީ ފަދަ ބައެއް ކިދުމަތްތައް ވެސް މަގުމަތީގައި ދޭން ވަނީ މަޖްބޫރުވެފަ އެވެ.

ސިލްޗާރްގައި ހުންނަ ކަޗާރް ކެންސާ ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރުގައި ފެންބޮޑުވުމުގެ ސަބަބުން އެ ހޮސްޕިޓަލުން ދެމުން ގެންދާ ޚިދުމަތްތަކަށް ބުރޫ އަރައި މަގުމަތީގައި ފެން ނެތް ތަނުގައި ވެސް މީހުން ބައިތިއްބައިގެން ފަރުވާ ދޭން ވަނީ މަޖްބޫރުވެފަ އެވެ.

މިތަނުގެ ހާލަތު ގޯސްވެގެން ދިޔަ ދިޔައިނުން ގޮސް ލައިފް ޖެކެޓާއި ވައިޖަހައިގެން ފުއްޕޭ ރާފްޓް ފަދަ ތަކެތި ހަދިޔާކުރަން ހޮސްޕިޓަލުން ވަނީ އާއްމުންނަށް އިލްތިމާސް ކޮށްފަ އެވެ. އެއީ ބަލި މީހުންނާއި އެމީހުންނަށް ޚިދުމަތް ދޭން ބޭނުންވާ ސްޓާފުން އަދި ބޭހާއި އެނޫންވެސް ފަރުވާ އަށް ބޭނުންވާ ސާމާނު އެކި ހިސާބުތަކަށް ގެންދަން މި ނޫން ގޮތެއް ނެތީމަ އެވެ.

އާސާމްގެ ބަރަކް ވެލީގައި ހުންނަ މި ހޮސްޕިޓަލަކީ މިފަހަރު އެންމެ ބޮޑަށް ފެންބޮޑުވީ ސަރަހައްދުގައި ހުރި ތަނެކެވެ.

ބައިނަލްއަގުވާމީ ނިއުސް އެޖެންސީތަކަށް މައުލޫމާތު ދެމުން ހޮސްޕިޓަލުގެ ތަރުޖަމާނު ބުނި ގޮތުގައި ބަލި މީހުންނަށް ދެމުންދާ ޚިދުމަތްތައް ވީ ވަރަކުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަށްޓަކައި ހޮސްޕިޓަލުން ބޭރު މަގުމަތީގައި ފެން ނެތް ތަންތަނުގައި ބަލި މީހުން ބައިތިއްބައިގެން ޑޮކްޓަރަށް ދެއްކުމާއި އެނޫން ވެސް ފަރުވާ ތައް ދެމުން ގެންދާ ކަމަށެވެ.