ލައިފްސްޓައިލް

އޮޅިގެން މުސާރައަށް މާ ގިނަ ފައިސާ ޖަމާ ކޮށްދެވުމުން އިސްތިއުފާ ދީފަ ފިލައިފި

ކުއްލިއަކަށް ފޯނަށް މެސެޖެއް އައިސްގެން ބަލާލާއިރު އަމިއްލަ އެކައުންޓަށް އެތައް ލައްކަ ޑޮލަރެއްގެ އަގުހުރި ފައިސާ ޖަމާ ވެއްޖެކަން އަންގައިދޭ މެސެޖަކަށް ވެއްޖެނަމަ އެމީހަކަށް ވާނެ ގޮތް އިހްސާސް ކޮށްލާށެވެ. އަދި އެއީ އެމީހަކު މަސައްކަތްކުރާ އޮފީހުން މުސާރައިގެ ގޮތުގައި ޖަމާކޮށްދިން ފައިސާކަން އެނގިއްޖެނަމަ އަދި އެއަށް ވުރެ ވެސް ހައިރާން ވާނެކަން ޔަގީނެވެ. ސަބަބަކީ އެމީހަކަށް މަހަކު ލިބެނީ ކިހާވަރެއްކަން އެނގިފައި އޮންނާނެތީ އާއި އޭގެ 200 ގުނަ އިތުރަށް ޖަމާ ކޮށްފައި ވާތީ އެވެ.

ޗިލީގެ ރަށެއްގައި ދިރިއުޅޭ މި މީހާ އަށް ވެސް ދިމާވީ އެ ކަހަލަ ގޮތެކެވެ. އޭނާ މަސައްކަތްކުރާ އޮފީހުން މިދިޔަ މޭ މަހުގެ މުސާރަ ޖަމާކޮށްދިންކަމުގެ މެސެޖު ފޯނަށް ލިބުމުން މި މީހާ އަށް ވެސް ލިބުނީ ބޮޑު ޝޮކެކެވެ. އެހާ ގިނަ ފައިސާ އެކައުންޓަށް ޖަމާވިކަން އެނގުމުން އެމީހާ ކަންތައް ކުރި ގޮތް އެނގޭ ހެއްޔެވެ؟

އޭނާ ގާނޫނީ ވަކީލަކާ އެކު އޮފީހަށް ގޮސް އިސްތިއުފާގެ ސިޓީ އޮފީހާ ހަވާލު ކުރި އެވެ. އަދި އޮޅިގެން އޭނާގެ އެކައުންޓަށް ޖަމާ ކުރެވިފައިވާ ފައިސާ އަނބުރާ ދޭނެ ކަމަށް ވައުދުވެފައި ގޮސް އެމީހާ ވަނީ ފިލާފަ އެވެ.

މި މީހާގެ މަސް ދުވަހުގެ މުސާރައަކީ 50،000 ޗިލީ ޕޭސޯސް (547 ޔޫއެސް ޑޮލަރު) އެވެ. ނަމަވެސް އޮޅިގެން ޖަމާ ކުރެވުނީ 165،398،861 ޗިލި ޕޭސޯސް (180،284.75 ޔޫއެސް ޑޮލަރު) އެވެ.

މިކަމެއް ހިނގައިގެން އުޅެނީ ޗިލީގެ ފުޑް އިންޑަސްޓްރިއަލް ކޮންސޯޓިއަމް (ސިއަލް)ގައެވެ. މިއީ ޗިލީގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ސެން ޖޯގް، ލާ ޕްރެފެރިޑާ އަދި ވިންޓާ އުފައްދާ ކުންފުންޏެކެވެ.

މިއީ ޗިލީގައި ހުރި މިފަދަ އެންމެ ބޮޑު ކުންފުންޏެވެ. އާއްމުކޮށް މުވައްޒަފުންގެ މުސާރަތައް އެމީހުންގެ އެކައުންޓްތަކަށް ޖަމާކޮށްދެނީ އެ ކުންފުނިންނެވެ. އެގޮތަށް ޓްރާންސްފާ ކުރުމުގެ ތެރޭގައި މިފަހަރު އޮޅުމެއް އަރައި މާގިނަ އަދަދެއްގެ ފައިސާ އެކެއްގެ އެކައުންޓަށް ފޮނުވުނީ އެވެ.

ފާއިތުވީ މޭ މަހުގެ 30 ވަނަ ދުވަހު މި މީހާގެ އެކައުންޓަށް ފައިސާ އޮޅިގެން ފޮނުވުމަށްފަހު އެކަން ކުރި މުވައްޒަފުންނަށް އެމީހުންނަށް ހެދުނު ގޯސް ވިސްނިގެން އެ ފިރިހެން މީހާ އަށް ގުޅުމުން އެ މީހާ ފޯނެއް ނުނެގި އެވެ.

ފަހުން އެމީހާ އޮފީހަށް ގުޅާފައި ބުނީ ފޯނު ނެނެގުނީ ނިދާފައި އޮތީމާ ކަމަށެވެ. ދެން އޮފީހުން އެދުނީ އެމީހާގެ އެކައުންޓް ހުޅުވާފައިވާ ބޭންކަށް ވަކި ގަޑިއަކަށް ގޮސް އެ ފައިސާ އަނބުރާ ކުންފުނީގެ އެކައުންޓަށް ޖަމާ ކޮށްދިނުމަށެވެ. އެމީހާ އާނއެކޭ ކިޔާފައި އޮފީހަށް ގޮސް އިސްތިއުފާގެ ސިޓީ ދީފައި ފިލީ އެވެ.

މިހާރު އެ ކުންފުނިން ވަނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅައި އެމީހާ ހޯދައިދޭން އެދިފަ އެވެ.